"ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
12 ސެޕްޓެމްބަރު 2025 - 05:28

"ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ 20ވަަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ ގިނަ ކައުންސިލްތަކުން އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ގިނަ ކައުންސިލްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.
ޕީއެސްއެެމްއިން ބުނީ، މި އެވޯޑުގެ މައިގަނޑު މަގްސަދަކީ ތަރައްގީ، ދެމެހެއްޓެނިވިކަން އަދި މުޖުތަމައުގެ ދުޅަހެޔޮކަން ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ރަށްތަކުގެ އަގުވަޒަންކުރުން ކަމަށެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއ،ި ޒިންމާދާރު ފަތުރުވެރިކަމާއ،ި މުޖުތަމައު ތަރައްގީކުރުމާއި، ސަގާފަތް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައްވެސް ފާހަގަކޮށް އެކަންކަމުގެ އަގުވަޒަންކުރުން ހިމެނޭ ކަމަށް ވެސް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
ޗާލު ދިވެހިރާއްޖެ އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށެވެ. އެވޯޑަށް ހުށަހެޅޭނީ http://psm.mv/chaalu_award މެދުވެރިކޮށެވެ.
ޗާލު ދިވެހިރާއްޖެ އެވޯޑު ޖުމްލަ 7 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާ އިރު މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ، އެންމެ ރީތި ގޮނޑުދޮށް،އެންމެ އެކުވެރި މުޖުތަމައު، ދެމެހެއްޓެނިވި ތަރައްގީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް، ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް، ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް، އެންމެ ހިތްގައިމު ރަށު މަންޒިލު ގެ އިތުރުން އަހަރުގެ އެންމެ ޗާލު ރަށެވެ.
ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަގާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
"ޗާލު ދިވެހިރާއްޖެ" އެވޯޑަކީ ރާއްޖޭގެ ރަށްތަކުގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރުމަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވޭ ގައުމީ ފެންވަރުގެ އެވޯޑެކެވެ.