ޕީއެސްއެމުން ނިމުނު 52 ހަފްތާގެ މުހިންމު ޚަބަރުތައް ހިމެނޭ ފޮތެއް ނެރެފި
2 ޖެނުއަރީ 2026 - 09:09

ނިމުނު އަހަރުގެ މުހިންމު ހުރިހާ ޚަބަރެއް އެއްފޮތަކުން ފެންނާނެގޮތަށް ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރި "ނިމުނު 52 ހަފުތާ 2025" ފޮތް ރަސްމީކޮށް ނެރެފިއެވެ.

Ad by Hajj Corporation
ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.
މި ފޮތަކީ އަހަރުގެ 52 ހަފުތާގައި ހިނގައިދިޔަ މުހިންމު ހުރިހާ ކަމެއް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތް ނެރުމުގެ މަސައްކަތުގައި ޕީއެސްއެމް ނިއުސްގެ ވެރިންނާއި މުވައްޒަފުން އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާއިރު، ފޮތުގައި ހިމެނޭ ހުރިހާ ޚަބަރަކީ ޕީއެސްއެމް ނިއުސްރޫމުގެ ނޫސްވެރިން ލިޔެފައިވާ ޚަބަރުތަކެވެ. އަދި ފޮތުގައި ހިމެނޭ ފޮޓޯތަކަކީ ޕީއެސްއެމްގެ ފޮޓޯގްރާފަރުންގެ މަސައްކަތެވެ.
ފޮތުގެ ކުށް ފިލުވައި ފުރިހަމަކުރުމަށް ޚާއްސަ ޓީމަކުން މަސައްކަތްކުރިއިރު، ފޮތުގެ މުޅި ލޭއައުޓް ހަދައި ފޮތެއްގެ ސިފައިގައި ނެރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރީ ޕީއެސްއެމް ނިއުސްގެ އިންފޯގްރެފިކްސް ޓީމުގެ ޢާއިޝަތު އިޒުވީނާއެވެ. މި ފޮތަކީ ޕީއެސްއެމް ނިއުސްއިން ކޮންމެ ހަފުތާއަކު ގެނެސްދޭ "ނިމުނު ހަފުތާ" ސެގްމެންޓަށް ބިނާކޮށް ތައްޔާރުކުރި ފޮތެކެވެ.
ފޮތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް އަހުމަދު ޖަދުއާން ވިދާޅުވީ، ޕީއެސްއެމްގެ ނޫސްވެރިން ކުރެއްވި ބުރަ މަސައްކަތަކީ މި މަސައްކަތުގެ ހަގީގީ ފެށުމެއްކަމަށެވެ. އަދި ޕީއެސްއެމްގެ ނޫސްވެރިންނަކީ ކޮންމެ ދުވަހަކު އެތައް މަސައްކަތެއްކުރާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ ދެ އަހަރުތެރޭ ޕީއެސްއެމް ނިއުސްއަށް އައި ބަދަލުތަކުގެ މޭސްތިރިއަކީ ނިއުސް ހެޑް އަމީން ކަމަށް ފާހަގަކޮށް އޭނާ ވަނީ އަމީނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ފޮތަކީ އާންމު ރައްޔިތުންނަށާއި، ނޫސްވެރިންނަށާއި، އޮފީސްތަކުގެ އިތުރުން ތާރީޚު ދިރާސާކުރާ ފަރާތްތަކަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޞްދަރެކެވެ.
ޕީއެސްއެމްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް މިއަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދިއުންކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.


