ވަޒީރުންނާ ސީދާ ސުވާލުކޮށްލަން ފުރުސަތު: 9 ވަނަ "އަހާ" ފޯރަމް މިރޭ އޮންނާނެ
11 އޮކްޓޯބަރު 2026 - 06:49

ސަރުކާރުގެ ވަޒީރުންނާ ސީދާ ސުވާލުކޮށް މަޢުލޫމާތު ހޯދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްގެ 9 ވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށްދާ މިރޭގެ ފޯރަމްގައި ސަރުކާރުގެ 3 ވުޒާރާއެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
މި ފޯރަމްގެ މައިގަނޑު މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ. އަދި ދައުލަތުގެ މަސްއޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ހޯދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ވަޒީރުންގެ ފަރާތްޕުޅުން ޖަވާބު ހޯދުމުގެ ފުރުޞަތު މި ފޯރަމްގެ ތެރެއިން ލިބިގެންދާނެއެވެ.
ފޯރަމްގައި ބައިވެރިވުމަށްޓަކައި ސަލްޓަން ޕާކަށް ހާޒިރުވެ ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތުގެ އިތުރުން، އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް، ކޮންމެ ރަށެއްގައި ހުރެގެންވެސް ކަމާގުޅޭ ވަޒީރަކާ ސުވާލު ހުށަހެޅޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މި ސިލްސިލާގެ ދަށުން މިހާތަނަށް ވަނީ ކާމިޔާބު 8 ފޯރަމެއް ބާއްވާފައެވެ.

-01.jpg&w=3840&q=75)
