މިދިޔަ އަހަރުގެ އެންމެ މޮޅު ހޭނޑްބޯލް ކުޅުންތެރިޔާ ޔަޝްމު ޤައުމީ ސްކޮޑުން ބާކީކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުން
12 ސެޕްޓެމްބަރު 2025 - 11:59

މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ހޭންޑްބޯލް ކުޅުންތެރިޔާ މުހައްމަދު ޔަޝްމު، ޤައުމީ ސްކޮޑުން ބާކީކުރުމާ ގުޅިގެން ހޭންޑްބޯލް މޯލްޑިވްސްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ނޮވެންބަރު މަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ހޭންޑްބޯލް ޓީމުގެ ފައިނަލް ސްކޮޑުން ބާކީކޮށްފައިވާއިރު، ޔަޝްމު މިހާރު އަންނަނީ މެލޭޝިއާގައި ބައިނަލްއަޤްވާމީ ފެންވަރުގައި ހޭންޑްބޯލް ކުޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލޭޝިއާގެ ކްލަބެއް ކަމަށްވާ ކިޖާން ހޭންޑްބޯޅަ ކްލަބާ އެކު ފަރިތަކުރަމުން އަންނަ ޔަޝްމު، ޤައުމީ ޓީމުން އޭނާ ބޭއިންސާފުން ވަކިކޮށްފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި އޭނާ ވަނީ ބަޔާނެއް ދޫކޮށްލާފައެވެ.

Ad by Hajj Corporation
ބޭރު ޤައުމެއްގައި ހޭންޑްބޯލް ކުޅެ، ތަމްރީނު ހެދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ގޮތުގައި ޔަޝްމު ވަނީ މެލޭޝިއާގައި ހޭދަކުރި ދެ މަހާއި ބައިގެ މުއްދަތުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައއިވާކަމަށާއި، މި މުއްދަތުގައި އޭނާގެ ތަމްރީނުތަކުގެ ހާޒިރީ ރެކޯޑުތައް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) އާ ހިއްސާކޮށްފައިވާކަމަށް މިބަޔާނުގައި ޔަޝްމު ބުނެފައިވެއެވެ.
"ކަންކުރި ގޮތުގެ ހިތާމަވެރި ކަމަކީ، މާލޭގައި ޕްރެކްޓިސްތަކަށް ގުޅުމަށް އެއްވެސް ޚަބަރެއް ދީފައި ނުވާތީ. އަހަރެން މާލެ އައީ ވިސާގެ މުއްދަތު ހަމަވާތީ. މާލެ އައިތާ މާގިނަ އިރެއް ނުވެ، އެސޯސިއޭޝަނުން އަހަންނަށް ގުޅައި، ބުނީ ޓެސްޓަކަށް އައުމަށް. އަހަރެން ދަތުރުކޮށްފައި އައިތާ މާގިނަ އިރެއް ނުވާތީ، އެ ވަގުތު ޓެސްޓެއް ހަދަން ދާން އަހަންނަށް ފަސޭހައެއް ނޫން،" މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު ހޭންޑްބޯލް ކުޅުންތެރިޔާގެ މަޤާމު ހޯދި ޔަޝްމު ބުނެފައިވެއެވެ.
ޔަޝްމުގެ އާއިލާއިން ސޯޝަލް މީޑިއާގައި ފާޅުކުރި ކަންބޮޑުވުންތަކުގައި، ޤައުމީ ޓީމުން ޔަޝްމު ބާކީވުމުގެ ފުރިހަމަ ޒިންމާ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ނަގަންޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ފިޒިކަލް ޓެސްޓެއް ހެދުމަށް އެންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ. މިކަމަކީ ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށާއި، ޤައުމީ ޓީމަށް ސެލެކްޝަން ހެދުމުގައި ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އެންމެ ރަނގަޅަކަށް ނޫންކަމުގައި ގިނަ ބަޔަކު މީސްމީޑިޔާގައި ޚިޔާލު ފާޅުކޮށްފައިވެއެވެ.