logo
ރިޕޯޓް

''ނަމުން ހުދުފޮތިކޮޅެއް، ކަމުން މާ ވަގެއް''

މެންދުރު ޓީމް
12 ސެޕްޓެމްބަރު 2025 - 15:05
''ނަމުން ހުދުފޮތިކޮޅެއް، ކަމުން މާ ވަގެއް''

''ނަމުން ހުދުފޮތިކޮޅެއް، ކަމުން މާ ވަގެއް'' މިއީ ވަކި ބޭފުޅަކަށް ނިސްބަތްކުރެވުނު ބަހެއް ނޫނެވެ. މި ލިޔުން ކިޔާނިމޭއިރު މި ބަސް ރައްދުވަނީ ކާކަށްކަން ފަހުމްވާން ވަނީ ދޫކޮށްލެވިފައެވެ. އެއީ ފެށުމުގެ ފުރަތަމަ ވާހަކައެވެ. ދެވަނަ އަށް އޮތީ ކުރީގެ ރައީސް ޢަބުދުﷲ ޔާމީނާއި ގުޅޭ ވާހަކަކޮޅެއް ދައްކައިލުމެވެ. ކުރީގެ ރައީސް ޔާމީންގެ ވާހަކައެއް އަނެއްކާވެސް ދައްކައިލަން މި ޖެހުނީ އެމަނިކުފާނުގެ މައުސޫމްކަން ހާމަކޮށްދިނުމަށް ތަކުރާރުކޮށް ''މޫނުފުޅަށް ރުލެއް އަރުވައިނުލައްވައި'' ދޮގުގެ މައްޗަށް ދޮގުތައް ހައްދަވަމުން ގެންދަވާތީއެވެ. އެމަނިކުފާނުގެ ކުރިފުޅު މަތީގައި އެމަނިކުފާނު ނޫން އެހެން ސިޔާސީ މީހުންނަކީ ''ވަގުން''ނެވެ. އެމަނިކުފާނަކީ ސާފު ބޯކިރުފަދަ ސާފު ބޭފުޅެކެވެ. އެމަނިކުފާނަށް ލިބިވަޑައިގެން ފަސް މިލިއަން ޑޮލަރަކީ ހަދިޔާއެވެ. ދެން ވެސް ލިބިވަޑައިގަތީ ހަމަ ހުސް ''ހަދިޔާ'' އެވެ.

ޔާމީނަށް 5 މިލިއަން ޑޮލަރު، އެއީ ވެސް ހަދިޔާ!

Ad by Hajj Corporation

Ad by Hajj Corporation

13 އޯގަސްޓް 2025 ގައި އަދަދު ނޫހުން ގެނެސްދިން ''އެތެރެފުށް ޕްރޮގުރާމު''ގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ހުރިހާ ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ ކެމްޕޭނަށް ބޭރުގެ ''ދީލަތި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާ''ގެ ގޮތުގައި 5 މިލިއަން ޑޮލަރު ދިންކަމަށް އިއުތިރާފްވެވަޑައިގެންފައެވެ. ރާއްޖޭގެ ސިންގާސަނާގެ ވެރިޔާ އަށް މިހާ ބޮޑު ހަދިޔާއެއް ދިނުމުގެ ފަހަތުގައި ކޮންމެސް ކަމެއް އޮއްނާނެތާއެވެ. ހަމަ ހުރެފައި ހަދިޔާގޮތުގައި ފަސް މިލިއަން ޑޮލަރު ދޭނެހެއްޔެވެ؟ އެއީ އެއިރުގެ 77,100,000 މިލިއަނެއްހާ ދިވެހި ރުފިޔާއެވެ. މިހާ ބައިވަރު ފައިސާއެއް މިއީ ހަމަ ހަދިޔާބާވައެވެ؟ މިއީ ހަމަ ބުއްދި ޤަބޫލުކުރާނެ ކަމެއްނޫނެވެ.

5 އަހަރުގެ ދައުރެއް ނިންމާލިއިރު 15 ބުރީގެ ގެއެއެއް، އެވެސް ހަދިޔާއިން ހޯދި ފައިސާއިން؟

2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ވިޔަފާރިއެއްކުރަށްވާ ކަމުގެ ރަސްމީ ރެކޯޑެއް ފެންނާކަށް ނެތެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން ވަނީ ކުރީގެ އަމިއްލަ ގެކޮޅު ''ދޫވެހި'' އެހެން ބިމަކާއި ލާޖައްސައި، މާލޭގެ ޕްރައިމްލޮކޭޝަނަކުން 3000 އެއްހާ އަކަފޫޓްގެ ބިމެއް މިލްކް ކުރަށްވާފައެވެ. އަދި ވެރިކަން ނިމުނުއިރު އެތަނުގައި 15 ބުރީގެ ގެއެއް އަޅުއްވައި ބޮޑުބައިގެ ފިނިޝިންވެސް ހުރީ ނިންމަވާފައެވެ. ޔާމީން އެހެން ވިޔަފާރިއެއް ނުކުރަށްވާއިރު، ވެރިކަމުގެ ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 6،000،000 (ހަ) މިލިއަން ރުފިޔާއެވެ. ކޮންޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވިގޮތުގައި އެ ދުވަސްވަރު މަސައްކަތުގެ ވެލިއުއަށްބަލާއިރު 15 ބުރީގެ ގެއެއް ނިންމާލުމަށް 60-70 މިލިއަނާއި ދޭތެރޭ އަދަދަކަށް ރުފިޔާ ޚަރަދުވާނެއެވެ. ޔާމީން މިކަމަށް ލޯނެއް ނެންގެވިކަމެއް ވެސް އެނގިފައެއްނެތެވެ. އެހެންކަމުން މި ގެ ނިންމާލުމުގައި ވެސް ހަމަ ''ހަދިޔާ'' ލިބުނީތޯ ސުވާލު އުފެދެއެވެ.

ޔާމީންގެ ވެރިކަމުގެ ދައުރުން އުފަންވި ތުހުމަތުތަކާއި ގުޅިފައިވާ ހަދިޔާ

ޔާމީންގެ ވެރިކަމުގެ ސިއްކަ ޖެހިގެން ގޮސް އަލުން އެމްޑީޕީގެ އަތްމައްޗަށް ގައުމުގެ ބާރުތައް ފުރޮޅެން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ވެފައި އޮތް އެއްކަމަކީ އެމަނިކުފާނަކީ ''ހަދިޔާ އަށް ކަންކަން ކޮށްދެއްވާ ބޭފުޅެއް'' ކަމަށް ރައްޔިތުންނަށް އެއިރު ތުހުމަތުކުރެވުމެވެ. އެ ސަބަބާ ހުރެ އެތައް ބަޔަކު ޔާމީނަށް ނޫނެކޭ ބުންޏެވެ. އެމްޑީޕީ އަކީ ޤައުމަށް އެންމެ ރަނގަޅު ޗޮއިސްއަށް ނުވިޔަސް އަދި ކިތައްމެ ގައްދާރެއްވެފައި ތިބި ބަޔަކަށް ވިޔަސް އެއިރު އޮތް އެމްޑީޕީ ނޫން ފިކުރުގެ އަތުން ވެރިކަން ބީވީ އެއިރުގެ ރައީސް ޔާމީން އިސްވެ ހުންނަވާ ކުރެއްވި ޢަމަލުތަކުން އެމަނިކުފާނުގެ ފަސްބައިގައި ޖެހިގެން ދިޔަ ލައްގަނޑާއެކުގައެވެ. ތިޔަކަންކަން ކުރީ ތިމަންނާގެ ބޮޑުވަޒީރޭ ނޫނީ ޓޫރިޒަމް ނިސްޓަރޭ  ވިދާޅުވުމަކުން ރައްޔިތުން ގަބޫލެއްނުކުރިއެވެ. އެއީ ބޮޑުވަޒީރު ބޮޑުވަޒީރަކަށް ހައްދަވައިދެއްވީ، ނޫނީ  މިނިސްޓަރަށް ސުޕަރ ޕަވަރ ދެއްވީ ޚުދު ރައީސް ޔާމީން ވީމައެވެ. އަދި އެއިރު ހިނގި އެއްވެސް ކަމަކީ ރައީސް ޔާމީނަށް ސިއްރުން، އެނގިވަޑައިނުގެން ހިނގިކަންކަން ކަމަށް މެޖޯރިޓީ ރައްޔިތުންނަށް އެއިރު ޤަބޫލު ނުކުރެވުމެވެ.

ވެރިކަން ނިމި ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލުނެވެ. މިހާރު ވެސް ބައެއް މައްސަލަތައް އެކި މަރުހަލާ ތަކުގައި އެބަހުއްޓެވެ. ޔާމީންގެ މައްޗަށް އުފުލުނު މައިގަނޑު ދަޢުވާތައް ބިނާވެފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ މައްޗަށެވެ. މި މައްސަލައިގައި ފަތުރުވެރިކަމުގެ ތަރައްޤީއަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ ތެރެއިން 90 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ދައުލަތުގެ ފައިސާ އަމިއްލަ ފަރާތްތަކަށް ނަގާފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ 2019 ވަނަ އަހަރު މަނީ ލޯންޑަރިންގގެ ކުށް ސާބިތުވި މައްސަލައެވެ. މި މައްސަލައިގައި ފަސް ފަނޑިޔާރުންގެ ޕެނަލަކުން ޔާމީންގެ މައްޗަށް ކުށް ސާބިތުކުރީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ބަދުނާމުވެފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރު ބޭނުންކޮށްގެން ފައިދާ ހޯދި ކަމަށް ކަނޑައަޅައިގެންނެވެ. މި ޙުކުމުގެ ދަށުން އޭނާއަށް 5 އަހަރުގެ ޖަލު ޙުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅުނެވެ. ނަމަވެސް، މި ޙުކުމް ސުޕްރީމް ކޯޓުން 2021 ގައި ބާޠިލުކުރިއެވެ.  ޔާމީން ވިދާޅުވާ ގޮތުގައި މި މައްސަލާގައި ހިމެނޭ ފައިސާ އަކީ ވެސް ހަމަ ހަދިޔާއެވެ. އަރަތެއްނޫންތޯއެވެ؟

މި މައްސަލައަށްފަހު ޔާމީންގެ މައްޗަށް އަލުން ދަޢުވާ އުފުލުނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ އެހެން ބައެއް ކަގައިވާ ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވުނީ އެ ރަށް ކުއްޔަށް ދިނުމުގެ ބަދަލުގައި 1 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ރިޝްވަތު ބަލައިގަތް ކަމަށެވެ. 2022 ގެ ޑިސެންބަރުގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގގެ ކުށް ސާބިތުކޮށް، 11 އަހަރުގެ ޖަލު ޙުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅިއެވެ. އަދި އިތުރަށް، އަމިއްލައަށް ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމަށްވެސް އަމުރުކުރިއެވެ. ނަމަވެސް، މި ޙުކުމްވެސް އިސްތިއުނާފުގެ މަރުޙަލާތަކަކުން ވަނީ ގޮސްފައެވެ. 2024 ގެ އޭޕްރީލްގައި ދިވެހިރާއްޖޭގެ ހައިކޯޓުން މި ޙުކުމް ބާޠިލުކޮށް، އަލުން ޝަރީޢަތް ކުރުމަށް އަމުރުކުރިއެވެ. 2024 ގެ ފަހު ކޮޅު ހިސާބުގައި، މި މައްސަލަ އަދިވެސް ވަނީ ޤާނޫނީ ހުސްކަމެއްގައެވެ. އެއީ ދައުލަތުން ހުށަހެޅި އައު ހެކިތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އިސްތިއުނާފެއް ބަލަމުންދާތީއެވެ. ޔާމީން ވިދާޅުވާ ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ ހަމަ ހުސް ހަދިޔާއެވެ. ރިޝްވަތެއްނޫނެވެ.

ޙުކުމް އިއްވި ނަމަވެސް، ޔާމީންގެ ޤާނޫނީ ދަތުރު އެއްގޮތަކަށްވެސް ސީދާ މަގެއްގައި ނުދެއެވެ. 2023 ގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އޭނާގެ 11 އަހަރުގެ ޖަލު ޙުކުމް ބާޠިލުކުރިއެވެ. އަދި މައްސަލަ އަލުން ޝަރީޢަތްކުރުމަށް ފޮނުވާލިއެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ، ރައީސް ޔާމީން ޖަލުން ގޭ ބަންދަން ބަދަލުކޮށްދިނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު 2023 ވަނަ އަހަރު އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އެމަނިކުފާނެވެ. ނަމަވެސް ޔާމީން ދައްކަވާ ވާހަކައިން މިހާރު މިކަމެއްވެސް ހަނދުމަފުޅެއްނެތްކަން އިނގެއެވެ.

"މުޅިން ވެސް މި ހުންނަނީ ހަދިޔާއާއި ލޯނާ. އަޅުގަނޑުގެ ސުވާލަކީ މި ވަރުގެ ބޮޑެތި ލޯނު މީނާއަށް ދެނީ ކާކު ހެއްޔެވެ؟ ބޭންކުން ދެންޏާ އޭނާގެ މުއްސަނދިކަން ބޭންކަށް އެނގޭނެ. އަމިއްލަ މީހަކު ނުދޭނެ މި ލާރިއެއް ލޯނަކަށް. ދެން ހަދިޔާގެ ގޮތުގައި ދެންޏާ ރިޝްވަތެއް އެއީ. މަނީ ލޯންޑާކޮށްފައި މި އޮތީ،" ޕީއެންއެފް ސިޓިން ރޫމް ބައްދަލުވުމުގައި 8  ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

އެހެންކަމަށްވާނަމަ، އެމަނިކުފާނު ހޯއްދެވީ ކޯއްޗެއް ހެއްޔެވެ؟ ތިމާ ހުދުފޮތިކޮޅެއްކަމަށް ދައްކަން މަސައްކަތްކުރަށްވާއިރު، ކަމުން ދައްކުވައި ދެނީ އެހެން މަންޒަރެކެވެ. ކަމުން ދެނީ ވެސް އެހެން ނަމެކެވެ.  އެ ނަން ދޭނީ ކިޔުންތެރިންނެވެ.   

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ނަމުން ހުދުފޮތިކޮޅެއް، ކަމުން މާ ވަގެއް''ރިޕޯޓް | 16 ގަޑިއިރު ކުރިންޖަމީލާއި މަލީހަށް ކޮންމެ މަހަކު ބޮޑު މުސާރައެއް ޔާމީން ދެނީ ވަގަށްނަގާފައިވާ ރައްޔިތުންގެ ފައިސާއިން: ފަލާޙްޚަބަރު | 2 ދުވަސް ކުރިންރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ދެއްވަން ވަޑައިނުގަތް ސަބަބު ނަރީޝް ކިޔައިދެއްވައިފިޚަބަރު | 4 ދުވަސް ކުރިންޔާމީން ދެއްކި ކެންޑިޑޭޓަށް ލިބުނީ 10 ވޯޓު، މެމްބަރުކަން ލިބުނީ ޔާމީންގެ ފޮޓޯ ދައްކައިގެނެއްނޫން: ހަމީދުޚަބަރު | 14 ދުވަސް ކުރިން