logo
ރިޕޯޓް

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުން: ގާނޫނީ ނިޒާމުގެ މައިގަނޑު އެއް ބިންގާ

ނުހާ އަޙްމަދު
13 ސެޕްޓެމްބަރު 2025 - 17:39
ފޮޓޯ--// އޭޖީ އޮފީސް
ފޮޓޯ--// އޭޖީ އޮފީސް

1950 ވަނަ އަހަރުގެ އޮގަސްޓް 25 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތާރީހުގައި ވަރަށް މުހިންމު ދުވަހެކެވެ. އެއީ ބަންޑާރަނައިބުގެ އޮފީސް ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދުނު ދުވަހެވެ. މިއަދުމި ފާހަގަކުރަނީ އެ އޮފީހުގެ 75 ވަނަ އަހަރީ ދުވަހެވެ.

ތާރީހީ ތަރައްގީ

Ad by Hajj Corporation

Ad by Hajj Corporation

މިހާރުގެ ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވިގޮތުގައި ބަންޑާރަނައިބުގެ އޮފީހުގެ 75 އަހަރުގެ ދަތުރުގައި، އެ މުއައްސަސާއިން ވަނީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. 2008 ވަނަ އަހަރު އައު ގާނޫނުއަސާސީ ތަސްދީގުވުމާއެކު، ބަންޑާރަނައިބުގެ މަގާމުގެ މަސްއޫލިއްޔަތުތައް އިތުރަށް ފުޅާވެ، ހަރުދަނާވެގެން ދިޔައެވެ.

މަސްއޫލިއްޔަތުތަކާއި ޒިންމާތައް

ބަންޑާރަނައިބަކީ ހަމައެކަނި ސަރުކާރުގެ ގާނޫނީ ލަފާދޭ ފަރާތް އެކަންޏެއް ނޫނެވެ. ބަންޑާރަނައިބަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އާންމު މަސްލަހަތު ދިފާއުކުރުމުގެ އެންމެ އިސް ފަރާތެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

ދައުލަތަށް ގާނޫނީ ލަފާ ދިނުން

ދައުލަތުގެ މަސްލަހަތު ޝަރުއީ ކޯޓުތަކުގައި ތަމްސީލުކުރުން

ގާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުން

ޖިނާއީ ދައުވާތައް އުފުލުން ހިމެނެއެވެ.

ޕްރޮފެޝަނަލިޒަމް އަދި ނަޒާހާތްތެރިކަން

ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަކީ އަބަދުވެސް ނަޒާހާތްތެރި، އަހްލާގީ، އަދި އިތުބާރުހިފޭ ބައެއްގެ ގޮތުގައި ތިބެންޖެހޭބައެއް ކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ. އެ އޮފީހުން ވަނީ މި އަސާސްތަކުގެ މައްޗަށް ބިނާކޮށް، ފާއިތުވި 75 އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިކަން ވެސް ފާހަގަކުރެއްވިއެވެ.

މުސްތަގުބަލަށް ކުރެވޭ މަސައްކަތް

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ބަންޑާރަނައިބުގެ އޮފީހުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ގާނޫނީ ދާއިރާގެ ތަމްރީނު ލިބިފައިވާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގުމަކީވެސް މި އޮފީހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު

މި ރަސްމިއްޔާތުގެ އެންމެ ހާއްސަކަމަށް ވެގެން ދިޔައީ އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާހްކުރުމާއި ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޝާއިރުކުރާ ހަނދާނީ ފޮތް ނެރުމެވެ. މި ދެނަންބަރު ވެސް ފުރިހަމަކޮށްދެއްވީ، އެ ހަފްލާގެ ޝަރަފްވެރި މެހްމާން، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެ އޮފީހުގެ އައު ވެބްސައިޓުގެ އެންމެ ހާއްސަ ސިފައަކީ ގާނޫނީ މައުލޫމާތު ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް ފީޗާއެވެ. މި ފީޗާގެ އެހީގައި ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކުގައިވާ މުހިންމު މައުލޫމާތުތައް ވަގުތުން ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

75 އަހަރު ފުރުމާއި ގުޅިގެން ނެރުނު ފޮތުގައި އެ އިދާރާގެ ފާއިތުވެދިޔަ އަހަރުތަކުގައި މަސައްކަތްތަކާއި، ހިދުމަތްކުރެއްވި ބޭބޭފުޅުންނާއި، އަދި ކޮށްދެއްވަފައިވާ ހިދުމަތްތައް ވަރަށް ތަފްސީލީ ގޮތެއްގައިވަނީ ހިމަނާފައެވެ. މިރަސްމިއްޔާތުގައި ބަންޑާރަނައިބްކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި، އެއޮފީހަށްއެކި ދުވަސްވަރު ހިދުމަތް ކުރެއްވި ބޭފުޅުން ބައިވެރިވެފައިވެއެވެ.

މުވައްޒަފުންގެ އަގުވަޒަންކުރުން

75 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވަނީ އެ އޮފީހަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާދީފައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ 75 އަހަރުގެ ހިދުމަތަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަންކުރުމުގައި އަގުނުކުރެވޭވަރުގެ ހިދުމަތެއްކަމަށް ބައްޑާރަނައިބު ވިދާޅުވިއެވެ. އެ އޮފީހުގެ މާޒީއަށް ބަލާއިރު، މުސްތަގުބަލުގައިވެސް ދިވެހި ދައުލަތާއި ރައްޔިތުންނަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމުގައި އެ މުއައްސަސާގެ ދައުރު ފާހަގަކޮށްލެވޭނެކަން ޔަގީނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުން: ގާނޫނީ ނިޒާމުގެ މައިގަނޑު އެއް ބިންގާރިޕޯޓް | 7 ގަޑިއިރު ކުރިން3 ވަނަ ދައުރަށް ހުށަހަޅާ ބިލުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފިޚަބަރު | އަހަރެއް ކުރިން