ޔޫޕީއާރް: ތަންފީޒުކުރާނީ ޤާނޫނުތަކާއި، ދީނާއި ތަޢާރުޟް ނުވާ ކަންކަން
17 ނޮވެމްބަރު 2025 - 05:41

ރާއްޖޭގެ ޔުނިވާސަލް ޕީރިއޯޑިކް ރިވިއުގެ 4 ވަނަ ބުރުގައި ޤައުމުތަކުން ރާއްޖެއަށް ދީފައިވާ އިލްތިމާސްތައް ތަންފީޒުކުރާނީ، ދިވެހިރާއްޖޭގެ ޤާނޫނޫތަކާއި އިސްލާމްދީނުގެ އަސްލުތަކާ ތަޢާރުޟް ނުވާ ގޮތަށް ބަލައިގެން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔޫޕީއާރް ވަރކިންގ ގްރޫޕުގެ ރިޕޯޓުގައިރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 104 ޤައުމަކުން، ކުރިއަށް އޮތް ޔޫޕީއާރް ސައިކަލްގައި ރާއްޖެއިން ތަންފީޛުކުރުމަށް ހުށަހަޅާފައިވާ 284 އިލްތިމާސެއް ހިމަނާފައިވާ ކަމަށާއި މި އިލްތިމާސްތަކުގެ ތެރޭގައި ހިމެނެނީ އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް އަންހެނުންނާއި، ކުޑަކުދިންނާއި، މުޖުތަމަޢުގެ އަޅާލުން ބޭނުންވާ ފަރާތްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ޔަޤީންކުރުމަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މި އިލްތިމާސްތަކުގެ ތެރެއިން ދިވެހިރާއްޖެއިން ތަންފީޛު ކުރަން ޖެހޭނީ ރާއްޖެއިން ޤަބޫލުކުރާ ކަންކަން ކަމަށްވާތީ، ޤައުމުތަކުން ހުށަހަޅާފައިވާ އިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން އަންގާ، ހިއުމަން ރައިޓްސް ކައުންސިލްގެ ދެން އޮންނަ ސެޝަންގައި ރާއްޖެއިން ޖަވާބުދާރީވާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖޭން މި އިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕްގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތް ކުރާނެއެވެ.
ޔޫޕީއާރުގެ ހަތަރުވަނަ ބުރުުގައި ރާއްޖޭގެ ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް ކޮމިޓީއާއި، ދައުލަތުގެ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަށް ބަންޑާރަ ނައިބު އޮފީހުން ޝުކުރުއަދާކޮށްފައި ވެއެވެ.

Ad by Hajj Corporation
މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ޔުނިވާސަލް ޕީރިއޯޑިކް ރިވިއުގެ ހަތަރުވަނަ ބުރުގެ ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.


