މަޖިލީހުގެ ދެ ދައުރަކަށް 12 ބިލެއް ހުށަހަޅަން ސަރުކާރުން ނިންމައިފި
6 މޭ 2026 - 11:28

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރާއި ދެވަނަ ދައުރަށް 12 ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ އެ ބިލުތަކުގެ ތަފްސީލު ހިއްސާކުރައްވައިފައެވެ.
ބަންޑާރަނައިބު ވިދާޅުވި ގޮތުގައި މި ދައުރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބިލަކީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެވެ. އެ ބިލުގެ ބޭނުމަކީ ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، އެ ފަރާތްތައް ރެގިއުލޭޓް ކުރުމުގެ އުސޫލުތައް ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި "މޯލްޑިވްސް 2.0" ގެ ދަށުން ސައިބަރ ސެކިއުރިޓީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން، އަދި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ތިން ބިލެއް ހުށަހެޅުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation
ސައިބަރ ސެކިއުރިޓީ ބިލާ ގުޅޭ ގޮތުން ބަންޑާރަނައިބު ވިދާޅުވީ "މިއީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިންމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ކަނޑައަޅައި ދާޚިލީ އަދި ކްރޮސްބޯޑަރ ސެކިއުރިޓީ ތުރެޓުތައް ދެނެގަނެ، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިންތިޒާމުތައް އަދި އެކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާނެ ބިލެއް" ކަމަށެވެ.
ހުށަހެޅުމަށް ރާވާފައިވާ ބިލުތަކުގެ ތެރޭގައި ތަޢުލީމުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލަކާއި އިމިގްރޭޝަނާއި ފަޅުރަށްތަކާ ބެހޭ އައު ޤާނޫނުތައް ހެދުމުގެ ބިލުތައް ހިމެނެއެވެ. ބަންޑާރަނައިބު ވިދާޅުވީ މިހާރު އަމަލުކުރާ އިމިގްރޭޝަނާއި ފަޅުރަށްތަކާ ބެހޭ ޤާނޫނުތަކަކީ ދުވަސްވެފައިވާ ޤާނޫނުތަކަކަށްވާތީ އިސްލާހުގެނައުމުގެ ބަދަލުގައި އައު ޤާނޫނެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހުކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބިލަކާއި މަރުގެ އަދަބާ ބެހޭ ޚާއްޞަ ޤާނޫނެއް ހެދުމާއި ޖޭއެސްސީ އެކުލެވިގެންދާ ގޮތާއި މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލުތައްވެސް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.


