އުސޫލާ ހިލާފަށް ފުލެޓް އަދި ގޯތިދިން މައްސަލައިގައި ކުރީ ސަރުކާރުގެ އިސްވެރިން ތަކަކަށް ދައުވާ ކުރަނީ
18 ސެޕްޓެމްބަރު 2025 - 06:22

"ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު" އާ ޚިލާފަށް، ގޯއްޗާއި ފްލެޓު ބައެއް ފަރާތްތަކަށް ދިންކަމުގެ ތުހުމަތުގައި, މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ ކުރުމަށް ކްރިމިނިލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީސް (ޕީޖީ) އިން ބުނީ، ދައުވާކުރަން ފޮނުވާފައި ވަނީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން 27 ޖޫން 2022 ދުވަހު ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި ގުޅޭ މައްސަލައެއްގައި ކަމަށެވެ.

Ad by Hajj Corporation
މި މައްސަލައިގައި ދަޢުވާ ކުރުމަށް 10 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލައިގައި ދަޢުވާލިބޭ ފަރާތްތަކަކީ:
- މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި، ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައިހުރި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީން.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. ވިރާޙް، ޟިރުޣާމް ވަޙީދު.
ޕީޖީ އޮފީހުން ބުނީ މި މީހުންނަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އަދި މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަޙުޤީޤު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެއްކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
މި މައްސަލައާ ގުޅުންހުރި އިތުރަށް ބަލަންޖެހޭ ކަންކަން އަންނަނީ ޕީޖީ އޮފީހުގެ ލަފަޔާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުން ކަމަށް ޕީޖީން ބުނެއެވެ.
އަދި މި މައްސަލާގައި އެކަށީގެންވާ މިންވަރަށް ތަހުގީގުކުރެވި، ދައުވާކުރުމާމެދު ޕީޖީ ގޮތެއް ނިންމާނެކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބި އެފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށެވެ.
އަދި 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 ފަރާތަށް ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާއިރު، 75 މާކްސް ލިބުނު 315 ފަރާތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ފަހަރަށް 26 ޖޫން 2023 ގައި އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ.
މިދިޔަ ސަރުކާރުން 13 އޮގަސްޓުަގއި"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އިޢުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 ވަނީ ކަނޑައަޅާފައެވެ. އަދި ކުރީ ސަރުކާރަށް ދޫކުރެވެން އޮތީ 9003 ގޯތި އެވެ. އެހެން ނަމަވެސް ދެން ތިބި 18،948 މީހަކަށް ގޯތި ދޫކުރާނެ ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ.