ޕީޖީން ދެ ހާހަށް ވުރެ ގިނަ މައްސަލަ ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވޭ
20 ސެޕްޓެމްބަރު 2026 - 04:16

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ 2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 2,000 އަށްވުރެ ގިނަ މައްސަލައިގައި ދަޢުވާ އުފުލުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ދައްކައިފި އެވެ.
ވޭތުވެދިޔަ 8 މަހުގެ ތެރޭގައި ޕީޖީ އޮފީހުން މައްސަލަ ބެލުމަށްފަހު ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ވަނީ އެވްރެޖްކޮށް މަހުން މަހަށް އިތުރުވެފައެވެ.

Ad by Hajj Corporation
ފުލުހުންގެ އިދާރާއާއި އެހެނިހެން ތަޙުޤީޤީ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކުރުމަށްފަހު، އިންސާފު ޤާއިމުކޮށް މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ޕީޖީ އޮފީހުން އަންނަނީ ވީއެންމެ އަވަހަކަށް އެ މައްސަލަތައް ކޯޓަށް ހުށަހަޅަމުންނެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް މައްސަލަ ދިރާސާކުރެއްވުމަށްފަހު ޕީޖީ އޮފީހުން ވަނީ ޖުމްލަ 2,231 މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.
މިގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެފަދަ 451 މައްސަލައެއް މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 2,372 މައްސަލައެއްގައި ކޯޓުތަކުން ވަނީ ހުކުމްކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ އާ މައްސަލަތަކުގެ ގޮތުގައި 1,653 މައްސަލައެއް ބަލައިގަނެފައެވެ. އަދި ތަހުގީގީ އިދާރާތަކުން ލަފަޔަށް އެދުނު 4,970 މައްސަލައެއްގައި އެ އިދާރާތަކަށް ޕީޖީގެ ލަފާވަނީ އަރުވާފައެވެ.
ރައްޔިތުންގެ މުދަލާއި އަބުރާއި އަދި މުޖުތަމައުގެ ހަމަޖެހުމާ ގުޅިފައިވާ މިފަދަ މައްސަލަތައް ވީއެންމެ އަވަހަކަށް ކޯޓަށް ހުށަހަޅައި އިންސާފު ގާއިމުކުރުމަށް ޕީޖީ އޮފީހުން މަސައްކަތްކުރެއެވެ. އަދި ކޯޓުތަކުން ބަލަމުންދާ މައްސަލަތައް އަވަސްކުރުމުގައި ކޯޓުތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަންވެސް އެ އޮފީހުން ދީފައިވެއެވެ.


