logo
Bank of Maldives

Bank of Maldives

ޚަބަރު

ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ އުފުލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 މޭ 2026 - 16:02
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު

"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލައިފިއެވެ.

މިހުށަހަޅުމާއެކު ކްރިމިނަލް ކޯޓުން ނެރެފައިވާ ''ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކިގޮތަކަށް އަމަލުނުކުރުމަށް އަންގައި ކުރާ އަމުރު''ގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން އެ މިހާރު ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނެރުނު އެ އަމުރުގައިވާ ގޮތުން "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އޭގައިވާ ވާހަކަތައް ދެއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ ދެއްކުމާއި ޝަރީއަތުގެ ލިޔުންތައް ފެތުރުންވެސް ކޯޓުން ވަނީ މަނާކޮށްފައެވެ. ކޯޓުގެ މި އަމުރާ ހިލާފުވާ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިސްލާމްދީނުގައި އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވައި، ހަރުކަށި އަދަބު ކަނޑައަޅާފައިވަނީ މީހުންގެ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް އަމުރުގައިވެއެވެ.

ގާޒީ ނެރުއްވި އަމުރުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި ދައުވާ އުފެލޭ ހާލަތުގައިވެސް، އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކޯޓަކުން ކުށް ސާބިތުވާ ކަމަށް ހުކުމް ނުކުރާހާ ހިނދަކު، އެމީހަކީ ކުށްވެރިއެއް ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ މީހާ އާއި ކުށުގެ ޝިކާރައަށްވި މީހާގެ ހައްގުތައް ބެލެންސްވާނެ ގޮތަކަށް އަމަލުކުރަންޖެހޭ ކަމަށް ކޯޓުން ބުނެއެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި ފަރުދުންގެ މިނިވަންކަން ނެގެހެއްޓުމަކީ ކޯޓުތަކުގެ ޒިންމާއެއްކަންވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، "އަދަދު" ނޫހުގެ މައްޗަށް މި މައްސަލައިގެ ތަހުގީގު މަރުހަލާގައިވެސް ކްރިމިނަލް ކޯޓުން ވަނީ ކުރިން އަމުރެއް ނެރެފައެވެ. މި މައްސަލައަކީ މީހެއްގެ އަބުރަށް އަރައިގަތުމާ ގުޅޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ އުފުލައިފިޚަބަރު | 2 ގަޑިއިރު ކުރިންޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | މަހެއް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | މަހެއް ކުރިންސަނީ ޢުމަރުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބޮޑެތި ދަޢުވާތަކެއް އުފުލައިފިޚަބަރު | 2 މަސް ކުރިން