މޭރީ ގްރޭސް މަރާލި މައްސަލާގައި ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
1 ޖުލައި 2026 - 13:55

އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕީންސްގެ މޭރީ ގްރޭސް މަރާލިކަން ސާބިތުވުމާ ގުޅިގެން، އޭނާގެ ފިރިމީހާ މާވިން އެސް.ވައި. ވަރގަސް 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު އަމުރުކޮށްފިއެވެ.
މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެއް ކަމަށްވީ ނަމަވެސް، ދައުލަތުން އެދުނު ގޮތަށް އަދަބުގެ ދަރަޖަ މަތިކޮށް 25 އަހަރުގެ ހުކުމެއް އިއްވުމަށް ކޯޓުން ވަނީ ނިންމާފައެވެ. މާވިންގެ ފަރާތުން އެންމެ ކުޑަ އަދަބަކަށް އެދިފައި ވަނިކޮށް، ގާޒީ ވަނީ އޭނާގެ އަމަލުތަކަށް ރިއާޔަތްކޮށް އަދަބު ބޮޑުކުރައްވާފައެވެ.

Ad by Hajj Corporation
މި މައްސަލަ ބެއްލެވި ޤާޒީ މުޒައްމިލް ނާސިރު ކުރެއްވި ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި، އަދަބު ބޮޑުކުރަން ނިންމީ މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލައި، އެކަން ފޮރުވަން މާވިން މަސައްކަތް ކޮށްފައިވާތީއެވެ. މީގެ އިތުރުން، މި ޖަރީމާގެ ސަބަބުން އެމީހުންގެ ކުޑަ ދަރިފުޅަށް މަންމަގެ ލޯބި ދާއިމީކޮށް ގެއްލިފައިވާކަން ޤާޒީ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
މާވިން މިހާތަނަށް ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ހަތަރު ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން، އޭނާ ދެން ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހުގެ މުއްދަތެކެވެ.
މި މަރުގެ ހާދިސާއާ ގުޅިގެން މާވިންގެ އިތުރުން، އޭނާގެ ލޯބިވެރިޔާ އަދި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ނިންމާފައެވެ.


