މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
1 ޖުލައި 2026 - 13:52

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއަށް އެހީތެރިވިކަން ސާބިތުވި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައިގައި މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި، މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ލަމްހާގެ މައްޗަށް އިއްވީ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި 3 އަހަރާއި 5 މަހާއި 25 ދުވަސް އޭނާ ހޭދަކޮށްފައިވާތީ، ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ 11 އަހަރަށްވުރެ ކުޑަ ދުވަސްކޮޅެކެވެ.

Ad by Hajj Corporation
ދައުލަތުން ވަނީ ލަމްހާއަށް އެންމެ ބޮޑު އަދަބު ދިނުމަށް އެދިފައެވެ. އެއީ އޭނާ ނަރުހެއްގެ ވަޒީފާގައި ހުރެ މިފަދަ ލާއިންސާނީ އަމަލެއް ހިންގާފައިވާތީއެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި، ދުރާލާ ރާވައިގެން ހިންގި މި ރަހުމުކުޑަ އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ވަނީ މައިވަންތަކަމުގެ ލޯބިން މަހުރޫމްވެ، ބޭރު ގައުމެއްގައި އެކަނިވެރިވެފައެވެ. އަދި މި މަރުގެ އަސްލު ބޭނުމަކީ މާވިންއާއެކު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުންކަންވެސް ދައުލަތުން ބަޔާންކުރިއެވެ.
އަދަބަށް ލުޔެއް ދިނުމަށް ލަމްހާގެ ފަރާތުން އެދުނު ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަދަބު ލުއިކޮށްދޭންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވި މިންވަރަށާއި، އެކަން ފޮރުވަން އޭނާ ކުރި މަސައްކަތްތަކަށް ރިއާޔަތްކޮށް، އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.


