ފޭސްބުކުގައި އަންހެނަކަށް ވެގެން މީހުންނަށް އޮޅުވަލާއިން ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށް
30 އޯގަސްޓު 2026 - 07:51

އަންހެނެއްގެ ނަމުގައި ފޭސްބުކް އެކައުންޓެއް ހިންގައި، އެކި މީހުންނާ ގާތްގުޅުން އުފައްދައި އޮޅުވާލައިގެން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށްލައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ކ. ކާށިދޫ، ސިލިކޯން، އިސްމާއިލް ޒަބީހުގެ މައްޗަށެވެ. "ޝާނާ ހުސެއިން" ނަމުގައި ފޭސްބުކް އައިޑީއެއް ހަދައިގެން އޭނާ މި ފައިސާ ހޯދާފައިވަނީ ޖެނުއަރީ 2، 2022 އިން ފެށިގެން އޮގަސްޓް 20، 2024ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޖުމްލަ 710،550 ރުފިޔާ ހޯދާފަ އެވެ.

Ad by Hajj Corporation
މި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ، އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާތީ އެ ހުރިހާ ފައިސާއެއް ދައުލަތަށް ނަގައިދިނުމަށެވެ. ޝަރީއަތް ކުރިއަށްދަނިކޮށް ޒަބީހު ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ. އަދި އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލައަށް ކުށަށް އިއުތިރާފުވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ކޯޓުން ވަނީ އޭނާ ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ މިހާރު ތަންފީޒުކުރަންޖެހެނީ ހަތް މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، ޖުލައި 5، 2026އިން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އެ ހުރިހާ ފައިސާއެއް މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދެއްކުމަށްވެސް ކޯޓުން އަންގާފައިވެ އެވެ.

-01.jpg&w=3840&q=75)
