logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

މޭރީ ގްރޭސް މަރާލިކަން މާވިން އާއި ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

ޒިދާން މުޙައްމަދު
22 ޖޫން 2026 - 11:25
މޭރީ ގްރޭސް މަރާލިކަން މާވިން އާއި ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި. ވަރގަސް (ޔޫސުފް) އާއި ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި ހާދިސާއަކާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާތަކެކެވެ.

ދަންޖެހިގެން މަރުވިކަމަށް ބުނި ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ބެއްލެވި ޤާޟީ މުޒައްމިލް ނާސިރު ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ހާލަތެއް ނެތްކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. މޭރީއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަހުން އެނގޭ ގޮތުގައި، އޭނާގެ ހަށިގަނޑުން ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި މޭރީ މަރުވީ ބޮލަށް ދީފައިވާ ބާރުގަދަ ހަމަލާތަކެއްގެ ސަބަބުންނެވެ.

ޤާޟީ ފާހަގަކުރެއްވި ގޮތުގައި، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލުމަށް ދައްކާފައިވާ ވާހަކަތަކެކެވެ. މޭރީ ދިރިހުއްޓާ އެންމެ ފަހުން ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ވަންނަނިކޮށް ކަމަށާއި، އެ ވަގުތު މާވިންވެސް އެ ގޭގައި ހުރިކަން ހެކިތަކުން ކަށަވަރުވާ ކަމަށް ޤާޟީ ވިދާޅުވިއެވެ.

މަރުގެ ފަހަތުގައި އޮތީ ލޯބީގެ ގުޅުމެއް

ޝަރީއަތުން ނިންމި ނިންމުމުގައި ބުނެފައިވަނީ، މާވިން އޭނާގެ އަނބިމީހާ މަރާލީ ލަމްހާއާއި އޭނާއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން، މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާއިރު، އެފަދަ ތަކެތި ފޯނުގައި ހުންނަންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް އޭނާއަށް ކިޔައިދެވިފައި ނުވާކަން ޤާޟީ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި މާވިންގެ އިތުރުން، އޭނާގެ ލޯބިވެރިޔާ އަދި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ. ލަމްހާގެ މައްޗަށް ދައުލަތުން ދައުވާކުރީ މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

އަދަބު ކަނޑައެޅުން އަންނަ މަހަށް

މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމާ ގުޅިގެން، ދެން އޮންނާނީ އެ ދެމީހުންގެ މައްޗަށް އަދަބު ކަނޑައެޅުމެވެ. ޤާޟީ ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުކުމް އިއްވުމުގެ އަޑުއެހުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ތާވަލުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 23 ދުވަސް ކުރިންފޭސްބުކުގައި އަންހެނަކަށް ވެގެން މީހުންނަށް އޮޅުވަލާއިން ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށްޚަބަރު | 2 މަސް ކުރިންމޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 މަސް ކުރިންމޭރީ ގްރޭސް މަރާލިކަން މާވިން އާއި ލަމްހާގެ މައްޗަށް ސާބިތުވެއްޖެޚަބަރު | 4 މަސް ކުރިން