އިންސާނަކަށްވީތީ ހުންނަންޖެހޭ ފެންވަރުވެސް ޔާމީންގެ ކިބައިގައި ނެތް: ނާޒިމް
19 ސެޕްޓެމްބަރު 2025 - 17:13

އިންސާނަކަށްވީތީ ކޮންމެވެސް ކަހަލަ ފެންވަރެއްވެސް ހުންނަންޖެހޭނެ ކަމަށާއި، އެ ފެންވަރުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކިބައިގައި ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މެމްބަރު ނާޒިމްގެ ދޮންދަރިކަލުން ވިފާގު އިބްރާހިމު އަދުނާންއާ ގުޅޭގޮތުން ޗެނަލް 13 އިން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން، "މެންދުރުޓީވީ" ގެ "ޖަވާބުދާރީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރައްވަން ބޭނުން ނުވަނީ ނުވަތަ ނުކުރައްވާ މަޑުކުރައްވަނީ އެއީ މޯލްޑިވްސް ޕޮލީސް ސަރވިސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވެފައި، މައްސަލައިގެ ތަހުގީގު ނިމުނުކަން ހާމަކޮށްފައިނުވާތީ ކަމަށެވެ.

Ad by Hajj Corporation
ނާޒިމް ވިދާޅުވީ ޔާމީންގެ އަނބިދަރިންނާ ގުޅޭ ގޮތުން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަން ވެސް ހުރިކަމަށާއި، އެހެންނަމަވެސް ޔާމީން ފަދައިން އެހާ ދަށުދަރަޖައަކަށް ދާން ބޭނުންފުޅުނުވާ ކަމަށެވެ.
ޔާމީން ދައްކަމުންދާ ވާހަކަތަކަށް އެއްޗެއް ބުނަން ބޭނުން ނުވާ ސަބަބަކީ އިންސާނެއްވިއްޔާ، ކޮންމެވެސް ގޮތެއް ހުންނަން ޖެހޭތީކަމަށް ނާޒިމް ވިދާޅުވިއެވެ. ދޮންދަރިކަލުން މިހާރު ނިޔާވެފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އެ ވާހަކަ އައު ކޮންކޮންފައި ނަގައިގެން ދައްކަނީ މަރުވެފައި އޮންނަ މީހަކަށް ވެސް ސަލާމަތެއް މިހާރު ނެތް މިންވަރަށް ކަމަށެވެ.
އަޅުގަނޑުގެ ދޮންދަރިފުޅަކު، އޭނައަށް ދިމާވި ހާދިސާގެ ވާހަކަ ތިޔަކީ، ފުރަތަމަ ކަމަކަށް އަޅުގަނޑަށް ތިޔަ ވާހަކަ ދައްކާނެ ފުރުސަތެއް އަދި މި ވަގުތަކު ނެތް. ސަބަބަކީ އެއީ ތަހުގީގު ފުލުހުން ކުރަމުންދާ މައްސަލައަކަށް ވެފައި، ތަހުގީގު ނިމުނުކަން އަންގާފައި ނެތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިކަމަށް ތިގޮތަށް އަޅުގަނޑު ޖަވާބެއް ނުދިނުން އެންމެ ރަނގަޅުވާނީ. އެހެންނަމަވެސް އަޅުގަނޑު ދައްނަ މީހުންނާއި އަދި އަޅުގަނޑުގެ އާއިލާގެ މީހުންނާއި، އަދި އަޅުގަނޑު އެންމެ ކާރިން ދަންނަ މީހުންނަށް ވެސް ހަމަ އެނގޭނެ ކަނޑައެޅިގެން ހަގީގަތާ ހިލާފަ ދޮގު ވާހަކައެއް ކަން. ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
ވިފާގުގެ އެއްބަނޑު އެއްބަފާ ކުދިންނާއި މައިންބަފައިން ވެސް ދުނިޔޭގައި ތިބިކަން ފާޙަގަކުރައްވައި ނާޒިމް އިތުރަށް ވިދާޅުވީ، ވާހަކަ އެއް ދައްކަމުންދާއިރު އިންސާނީ ކަރާމަތަށް ވެސް ބަލަންވާނެ ކަމަށެވެ.
ސިޔާސީ ދުޝްމަންކަމާއި، ސިޔާސީ ދެކޮޅު ވެރިކަމަކީ ދެކަމެއް ކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ، އިންސާނަކަށްވީތީ، ތިމާގެ ހުންނަށްޖެހޭ ކޮންމެވެސް ކަހަލަ ފެންވަރެއް ވެސް ހުންނަށް ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ފެނިގެންދަނީ ޔާމީންގެ އިންސާނިއްޔަތުކަމުގެ ފެންވަރުވެސް ނެތްތަން ކަމާއި، އެއީ ވަރަށް ދެރަކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޔާމީންއަކީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް މިހާރު ޔާމީން ގޮސްފައި ހުރި ހިސާބަކީ އިންސާނަކު ދާނެ އެންމެ ދަށުދަރަޖަކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ވިފާގުއާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، އެއީ ހަމަ ސީދާ ޔާމީން އުފަންކޮށްގެން، ޔާމީންގެ އަމިއްލަފުޅު ޓީވީން އުފަންކުރި ވާހަކައެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ވިފާގު މަރުވެފައި ވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު 14 ވަނަ ދުވަހުގެ ރޭ މާލޭގެ ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގޭގެ، 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.