ޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް އެންޑީއޭގެ ސަމާލުކަމަށް
20 ސެޕްޓެމްބަރު 2025 - 03:36

ކޮންޓްރޯލްކުރެވޭ ބޭހެއް ކަމުގައިވާ ބިއުޕްރެނޯފިން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ އެޖެންސީއަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ބިއުޕްރެނޯފިން ބޭސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިއްކަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އަދި މި ބޭހުގެ 10 ގުޅަ 2000 ރުފިޔާއަށް ވިއްކަމުންދާކަން ވެސް އެނގިފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ.

Ad by Hajj Corporation
ކޮންޓްރޯލްކުރެވޭ ބޭސްތައް މިފަދައިން ވިއްކުމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނާ ޚިލާފު ޢަމަލެއްކަން ފާހަގަކޮށް، މި ބޭސް ވިއްކާ ފަރާތްތަކާ ބެހޭ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ ގިނަ ފަރާތްތަކުން ސައްޙަ މަޢުލޫމާތު ދީފައިވާކަން ވެސް ލުބްނާ ފާހަގަކުރެއްވިއެވެ.
ބިއުޕްރެނޯފިންއަކީ އެންޑީއޭގެ ޑިޓޮކްސް ފަރުވާގައި ބޭނުންކުރާ ބޭހެއް ކަމަށާއި އެކަމަކު އެއީ ކޮންޓްރޯލްޑް ޑްރަގަކަށް ވާތީ ހުއްދަ ލިބިގެން ނޫނީ އެ ވިއްކުން މަނާވާނެ ކަމަށް ލުބްނާ ވިދާޅުވި އެވެ.
ބިއުޕްރެނޯފިންގެ ބޭނުމާއި އޭގެ އަސަރުތައް
ބިއުޕްރެނޯފިންއަކީ ވޭނަށް ފަރުވާ ކުރުމަށާއި އޯޕިއޮއިޑް ބޭނުންކުރުމުގެ ބަލީގެ (އޯޔޫޑީ) ފަރުވާއަށް ބޭނުންކުރެވޭ ސިންތެޓިކް އޯޕިއޮއިޑް ބޭހެކެވެ. މި ބޭހަކީ ޕާޝަލް އޯޕިއޮއިޑް އެގޮނިސްޓެއްގެ ގޮތުގައި ގިންތިކުރެވިފައިވާ ބޭހެއް ކަމަށްވާއިރު، މިބޭހުން ވޭން ފިލުވުމާއި އުފާވެރިކަން ފަދަ ބައެއް އޯޕިއޮއިޑް އަސަރުތައް ކުރިނަމަވެސް، މި އަސަރުތައް ހެރޮއިން ނުވަތަ މެތަޑޯން ފަދަ ފުލް އޯޕިއޮއިޑް އެގޮނިސްޓްތަކާ އަޅާބަލާއިރު ދެރަކަމަށް ފާހަގަކުރެވެއެވެ.
މި ބޭހުގެ "ސީލިންގ އިފެކްޓް" ގެ ސަބަބުން ނަހަމަގޮތުގައި ބޭނުންކުރުމާއި އޯވަރޑޯޒްވުމުގެ ނުރައްކާ ކުޑަ ކަމުގައި ވީނަމަވެސް، މި ބޭސް ޤާނޫނާ ޚިލާފަށް ވިއްކުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.


