އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޚަލީލާއި ޠާރިޤް ނިއުޔޯކަށް
21 ސެޕްޓެމްބަރު 2025 - 07:39

އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލާއި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިގް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަންނަވައިފިއެވެ.
މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 22 އިން 30 އަށެވެ. އަދި އާންމު ބަހުސް އޮންނާނީ 23 ސެޕްޓެމްބަރ އިން 29 ސެޕްޓެމްބަރަށެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަހަރު ކުރިއަށް ގެންދާ އާންމު މަޖިލީހުގެ 80 ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ދެ ވަޒީރުން ފުރާވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ. މިދަތުރުފުޅުގެ ތެރެއިން މަތީ ފަންތީގެ ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އަދި ފަތުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވީ، އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ދާއިރު، މިއީ އދ. މެންބަރު ޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަތާ 60 އަހަރު ފުރޭ އަހަރު ކަމަށެވެ. ވަޒީރު މިއަހަރުގެ ސެޝަނަކީ ކާމިޔާބު ސެޝަނަކަށްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން އިތުރުކޮށް އެ މަގަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަހަރު ކުރިއަށްދާ އާންމު މަޖިލިޙުގެ ސެޝަންގެ ބަހުސްގައި ޚާރިޖީ ވަޒީރު ޑރ.ޚަލީލް ތަޤްރީރު ކުރައްވާނެއެވެ. މީގެ އިތުރުން ހައި-ލެވަލް ހަފްތާގެ ހަވާސާގައި ދިވެހިރާއްޖެއިން ދެ ހަރަކާތެއް ކުރިއަށްގެންދާނެއެވެ.
ފޮރިން މިނިސްޓަރީއިން ވަނީ މި ބައްދަލުވުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އ.ދ.ގެ މެމްބަރު ޤައުމުތަކާއި އދ.އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ބުނެފައެވެ. އަދި ޤަވާއިދުން ބައްދަލުނުވެވޭ އ.ދ.ގެ މެންބަރު ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތު ލިބޭކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation