"އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ"
24 ފެބްރުއަރީ 2026 - 05:55

ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ, އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި ތަޤްރީރުކުރައްވަމުންނެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ތަޤްރީރުގައި ވަނީ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވާ، އެ އުޞޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަން ވަޒީރުގެ ތަޤްރީރުގައި ހަނދައިންކޮށްދެއްވިއެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުުރުން، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.
ވަޒީރު ޑރ. ޚަލީލްގެ ތަޤްރީރުގައި ވަނީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކުރުމަށާއި، ޤާނޫނު ހިންގުމަށާއި މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި އަންހެން ވިޔަފާރިވެރިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިން ފަދަ ޚާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން ފާހަގަކޮށް 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ހަތަރުވަނަ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށްދިޔަކަން ޚާރިޖީ ވަޒީރުގެ ތަގްރީރުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޤައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގައި އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރައްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ތަޤްރީރުގައި ވަޒީރު ވަނީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 2028 އިން 2030 ގެ ދައުރަށް ރާއްޖެއިން ވާދަކުރާނެކަމަށް އިޢުލާންކުރައްވާފައެވެ. ވަޒީރު ޑރ. ޚަލީލްގެ ތަގްރީރް ނިންމަވާލައްވަމުން ވަނީ އިތުބާރު ހިފޭ މިންގަނޑުތައް ދަމަހައްޓައި، އެންމެން ޝާމިލްވާފަދަ ގޮތަކަށް ނިޒާމް ހަރުދަނާކޮށް، ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރުމަށް ކައުންސިލަށް ގޮވާލައްވާފައެވެ. އަދި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

Ad by Hajj Corporation


