ވަޒީރު އާދަމް ނަސީރު ޝާރުޖާއަށް
21 ސެޕްޓެމްބަރު 2025 - 16:10

މި މަހު 22އިން 26އަށް އެކުވެރި އަރަބި އިމާރާތުގެ ޝާރުޖާގައި ބާއްވާ 'ޝާރުޖާ ނެރޭޓާރސް ފޯރަމް'ގެ 25ވަނަ ސެޝަން ޝަރަފުވެރިކޮށް ދެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ޝާރުޖާއަށް ފުރާވަޑައިގެންފިއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނީ ވަޒީރާއި ވަފުދުގެ ބޭފުޅުންގެ ދަތުރުފުޅާ ގުޅޭ ހުރިހާ ޚަރަދެއް ޝާރުޖާގެ ފަރާތުން ހަމަޖައްސާ ގޮތަށް ލިބިފައިވާ މި ދަޢުވަތަކީ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ދެއްވާފައިވާ ދަޢުވަތެއްްކަމަށެވެ.

Ad by Hajj Corporation
"ދަތުރުވެރީންގެ ވާހަކަ" މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ތާރީޚާއި ސަޤާފަތާއި އާދަކާދަތައް ބޭރުދުނިޔެއަށް ދައްކުވައިދިނުމުގެ އިތުރުން، ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނެއެވެ. މިގޮތުން މި ފޯރަމުގައި ރާއްޖެ ބައިވެރިވެރިވެފައިވާއިރު މީގެ ސަބަބުން ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވެސް ވަނީ ލިބިފައެވެ.
މިގޮތުން މި ދަތުރުފުޅުގައި ވަޒީރާ އެކު ރާއްޖޭގެ ސަޤާފީތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރެއްވުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ޤައުމީ ޚަޒާނާ"އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ޝަޚްސިއްޔަތެއް، ރާއްޖޭގެ ސަޤާފީ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި މަޤްސަދުގައި ޢިލްމީ ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ އަދި އެ ރޮނގުން ހޯދުންތަކެއް ހޯދާ ޝާއިޢުކޮށްފައިވާ ފަރާތެއްގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރީންތަކެއްގެ ހުށަހެޅުން ހުށައަޅަދޭނެ ފަރާތްތަކެއް ވެސް ބައިވެރިވަޑައިގެންނެވިއެވެ.


