"ހުރަވީ ދުވަސް އަންގައިދެނީ ،ޤައުމުގެ ދިފާއުގައި މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއްކަން"
23 ނޮވެމްބަރު 2025 - 14:45

ހުރަވީ ދުވަސް އަންގައިދެނީ ،ޤައުމުގެ ދިފާއުގައި މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަން ކަމަށް ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިން މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ދެއްވި ވީޑިޔޯ މެސެޖެއްގައެވެ.

Ad by Hajj Corporation
ވަޒީރު އިތުރަށް ވިދާޅުވީ، ޤައުމަށް ދެރަގޮތް ދޭން ބޭރުގެ ބަޔަކާ ގުޅިގެން ކުރެވޭ މަސައްކަތުން އޭގެ ދެރަ ހުރިހާ ދިވެހީންނަށާއި މުޅި ދިވެހި ދައުލަތަށް ލިބޭކަން ހުރަވީ ދުވަހު ބުނެދޭކަމަށެވެ.އަދި ދިވެހި ތާރީޚުން ލިބޭ ފިލާވަޅުތައް ދެނެގަނެ ޤައުމުގެ ސަލާމަތަށް ޓަކައި މަސައްކަތްކުރުން އެއީ އެންމެ އިސް ވާޖިބުކަމުގައި ހަދަންޖެހޭ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
"މިދުވަހު ފާހަގަކުރޭވެ ވަރަށް މުހިއްމު އެހެންކަމެއް ވެސް އެބައޮތް. އެއީ ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހި ޤައުމުގެ ވެރިކަން، ޤާނޫނީ ވެރިކަން ފުރޮޅާލުމަށް މަސައްކަތް ކުރި ދިވެހީން، ބޭރުގެ ފަރާތްތަކަށް ބާރުލިބުމާއެކު، އެމީހުންގެ ފުރާނަޔަށް ނުރައްކާވެ އެމީހުން ނައްތާލިކަން. އެހެންވީމާ ދިވެހި ޤައުމަށް ވަފާތެރިވުން އެއީ ދިވެހިންނަށް އެންމެ ހެޔޮ ގޮތް،" ވަޒީރު އާދަމް ޝަރީފް އުމަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހީންގެ ތާރީޚާއި، ތަރިކައާއި، އާދަކާދަ އަދި ދިވެހީންގެ އަސްލުތައް އަދުގެ ޖީލުތަކަށް ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ މައިގަނޑު އެއް މަޤުސަދަކީ ދިވެހި ޤައުމުގެ ސަލާމަތަށްޓަކައި މަސައްކަތް ކުރުމާއި ދިވެހި ދަޢުލަތް އަންނަން އޮތް ޒަމާންތަކަށް ދަމަހައްޓައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ދެރަކޮށް ކަންކަން ކުރި ފަރާތްތައް، ދެރަކޮށް ކަންކަން ކުރުމުން އޭގެ ސަބަބުން ޤައުމަށް ލިބުނު ގެއްލުންތަކާއި ނުރައްކާތައް އަދުގެ ޖީލުތަކަށް، ތާރީޚުގެ ފިލާވަޅުތަކުގެ ތެރެއިން ލިބިގެން ދިއުމަކީ ވެސް މިސަރުކާރުން ކުރާ މަސައްކަތްތަކުގެ މަޤުސަދެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހެވެ. އެއީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (އެއްވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަސް ފާހަގަކުރީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހުއެވެ. އެއީ މީލާދީ ތާރީޚުންނަމަ އެޕްރީލް 18، 1980 އެވެ.


