ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާސްތެރިކަން ނެރެން އެބަޖެހޭ - ރައީސް ޑރ. މުޢިއްޒު
13 ނޮވެމްބަރު 2026 - 10:43

ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާސްތެރިކަން ނެރެން އެބަޖެހޭކަމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވަމުން، މި ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި ޙަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން ޖެހޭ ކަމަށެވެ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސްގެ ޕޯސްޓްގައި އިތުރަށް އަލިއަޅުއްވާލައްވާފައިވާ ކަންކަމުގެ ތެރޭގައި، މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުޤައި ހިތްވަރުގަދަ ޖިހާދެއްކުރައްވާ، މަލާބާރީންގެ ވަކިތަކުން މިޤައުމު ސަލާމަތް ކުރެއްވި ޤައުމީ ބަޠަލު ދޮންބަންޑާރައިން ސުލްޠާން ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުންއެދި ދުޢާ ދަންނަވާފައި ވެއެވެ.
ހުރަވީ ދުވަހުގެ ޙާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނައިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާޢުކުރަންޖެހޭގޮތާއި މިކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ. ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން އެބަޖެހޭ ކަމަށްވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މި ޕޯސްޓްގައި ރައީސް މުޢިއްޒުވަނީ އޯގާވަންތަ ﷲމިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮވިސްނުމާއި ތަޢުފީޤް ދެއްވުމަށާއި، ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީ ދެއްވުމަށާއި، އާރޯކަމާއި ތާޒާކަން ދެއްވުމަށާއި، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.

-01.jpg&w=3840&q=75)
