ކްލައިމެޓް ފައިނޭންސިންގ ވާންވާނީ ޤައުމުތަކަށް މާލީ ބުރައަކަށް ނުވާފަދަ އެހީއަކަށް: ރައީސް
13 ނޮވެމްބަރު 2026 - 01:43

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެކަންކަން ކަމަށާއި، އެ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ އެކަށީގެންވާ އަދި މާލީގޮތުން ބުރައަކަށްނުވާ ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ރައުންޑްޓޭބަލް އޮން ދަ ސެކަންޑް ޑިކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ސާފުކޮށް ފެންނަން ހުރި ހަޤީޤަތްތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއިން ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މޫސުމީ ވިލުންތެރިކަން ކަށަވަރުކުރެވޭ މާލީގޮތުން ހަރުދަނާ މަޝްރޫޢުތައް ތަރައްޤީކޮށްފައިވާ ކަމަށެވެ. އަދި މޫސުމީ ވިލުންތެރިކަމަކީ ތަރައްޤީގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅައި، ބައިނަލްއަޤްވާމީ މަންސަތަކުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެފަދަ ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގުމަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ލިބޭ ފުރުޞަތުތައް ވަރަށް ހަނި ކަމަށާއި، ރައްޔިތުންނާއި ޤައުމުގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ކުދި ޖަޒީރާ ޤައުމުތަކަށް މަޖުބޫރުވަނީ އިތުރަށް ދަރަނިވެރިވާން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރުމަކީ ކުދި ޤައުމުތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، ކްލައިމެޓް ފައިނޭންސިންގ ވާންވާނީ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމާއި މާލީ ދަތިތަކަށް ޙަޤީޤީ ޙައްލެއް ގެނެސްދޭނެ އެހީއަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުރިހާ ކުދި ޖަޒީރާ ޤައުމުތައް އެއް ހަމައަކުން މިނައިގެން ނުވާނެ ކަމަށާއި، ޤައުމެއްގެ ނާޒުކުކަން ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ އެ ޤައުމެއްގެ އިޤްތިޞާދީ މިންވަރު ކަމުގައި ވެގެންނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެފަދަ މައްސަލަތަކަށް ޙައްލު ހޯދުމުގައި އެންޓީގާ އެންޑް ބާބިއުޑާގެ އުސޫލުތަކަށް އަލިއަޅުއްވާލައްވައި، މޫސުމީ ބަދަލުތަކަށް ވިލުންތެރި ނިޒާމުތައް ޤާއިމުކުރުމަށާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން ފަހިކުރުމަށް އެކުލަވާލާފައިވާ "ބްރިޖް އިނީޝިއޭޓިވް" އަށް އެމަނިކުފާނު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕެރިސް އެގްރީމަންޓް އެކުލަވާލިތާ ވިހި އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި، އެ އެއްބަސްވުމުގެ އަސާސްތައް ނެގެހެއްޓުމުގައި ދެމިތިބުމަށް ހުރިހާ ޤައުމުތަކަށް ގޮވާލައްވަމުންނެވެ. އަދި ބައިނަލްއަޤްވާމީ ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަންޖެހޭ ކަމަށާއި، ލީޑަރުންގެ ދައުރު މިނެކިރޭނީ އެންމެ ނާޒުކު އަދި ނިކަމެތި ފަރާތްތަކުގެ ޙައްޤުގައި ކޮށްދެވުނު މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
