logo
MPL

MPL

ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

އައިމިނަތު ހުޝާމާ
12 ނޮވެމްބަރު 2026 - 13:52
ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފި.

ރައީސުލްޖުމްހޫރިއްޔާ މިހެން ތަކުރާރުކޮށް ވިދާޅުވީ ކޮޕް31 ގެ ހަވާސާގައި ބޭއްވި، "ދަ ސެކަންޑް ޑެކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" ގެ މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން، މިހާރަށްވުރެ ފަސޭހައިން އަދި ހެޔޮ އަގުގައި ލިބޭނެ ގޮތް ހަމަޖެހެންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކަކީ އެންމެން ދަންނަ ބޮޑު ހަޤީޤަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ވޭތުވެދިޔަ އެތައް އަހަރެއް ހޭދަކޮށްފައިވަނީ ބޭންކުތަކުން ފައިސާ ލިބޭ ފަދަ މަޝްރޫޢުތައް އެކުލަވައިލުމަށާއި، ތަރައްޤީގެ ޕްލޭންތަކުގައި މޫސުމީ ވިލުންތެރިކަން ހިމެނުމަށާއި، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިކަމަށް ވަކާލާތުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމުގައި ހުރި އުނިކަންކަން ފާހަގަކުރައްވައި، ރައްޔިތުންނާއި ރަށްތައް ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ރާއްޖެ ފަދަ ޤައުމުތަކުން ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ގޮންޖެހުންތަކަކީ ތިމާވެށީގެ ގޮތުން ނާޒުކު ހާލަތްތަކުގައިވާ ޤައުމުތަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި މޫސުމީ ކަންކަމަށް ލިބޭ މާލީ އެހީތެރިކަމަކީ ފަސޭހަ ކަމާއެކު ހެޔޮ އަގުތަކެއްގައި ލިބޭ އެއްޗަކަށް ވާންޖެހޭނޭ ކަމަށެ ވިދާޅުވިއެވެ. އދި މިއީ ޤައުމުތަކުގެ ހަޤީޤީ ހާލަތަށް ރިއާޔަތްކޮށް ދެކޮޅުޖެހޭ އެއްޗަކަށް ވާންޖެހޭ ކަމަށްވެސް ރައީށް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން، ކުދި ޤައުމުތަކަށް ޚާއްޞަ ބޭނުންތައް ދެނެގަތުމާއި، ހަމައެކަނި ޤައުމުގެ އާމްދަނީއަށް ބަލައިގެން މިންނުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަށްޓަކައި ނާޒުކު ހާލަތްތަކަށް ރިޢާޔަތްކުރާ އުސޫލުތަކަކަށް އިސްކަންދިނުމަށާއި، މާލީ އެހީތެރިކަން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށާއި، އަދި ބައިނަލްއަޤްވާމީ ހަރުދަނާ އެހީތެރިކަމަށް ގޮވާލާ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ ފޮރ ސިޑްސް (އޭބީއޭއެސް) އަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، މޫސުމާ ގުޅޭ ވަޢުދުތައް އަވަސްކޮށް، އެ ވަޢުދުތައް އަމަލީ ގޮތުން ފެންނަ ހައްލުތަކަކަށް ބަދަލުކުރުމަށް އަމާޒުކޮށްފައިވާ ބްރިޖް (BRIDGE) އިނިޝިއޭޓިވްއަށް ވެސް އެމަނިކުފާނު މަރުޙަބާ ކިޔާފައިވެއެވެ.

ޕެރިސް އެގްރީމަންޓުގެ ދެވަނަ އަހަރަށް ދުނިޔެ ފަށާއިރު، އެ އެއްބަސްވުން ތަންފީޒުކުރުމުގައި ޤައުމުތަކުން ސާބިތުކަމާއެކު ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ދުނިޔޭގެ ލީޑަރުން ހަމައެކަނި ވައުދުތަކެއް ވުމަށްވުރެ ބޮޑަށް އަމަލީ ނަތީޖާ ދައްކަވަންޖެހޭ ކަމަށާއި، ތާރީޚު އެބޭފުޅުންގެ މައްޗަށް ނިޔާކުރާނީ އެބޭފުޅުންގެ އަމަލުތަކަށާއި، އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ހޯދައިދެވުނު ނަތީޖާތަކަށް ބަލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެޚަބަރު | 34 މިނިޓު ކުރިންރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކޮޕް31 ގެ ހަވާސާގައި ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިން މޫސުމީ ނާޒުކުކަމަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާ އެއްޗަކަށް ވެގެން ނުވާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންކުދި ޖަޒީރާ ގައުމުތަކުގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުލިބޭ ނިޒާމެއް މުހިންމު: ރައީސްޚަބަރު | 20 ގަޑިއިރު ކުރިން