މޫސުމީ ނާޒުކުކަމަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާ އެއްޗަކަށް ވެގެން ނުވާނެ: ރައީސް
12 ނޮވެމްބަރު 2026 - 13:19
.jpg&w=3840&q=75)
މޫސުމީ ނާޒުކުކަމަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ކަނޑުގެ ލޮނުގަނޑު އުސްވަމުންދިއުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމަނިކުފާނު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ތަރައްގީގެ ގޮންޖެހުމެއް ކަމަށާއި، އަދި އެއީ ރާއްޖޭގެ ނެތިދިއުމުގެ ބިރު އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ސިފަކުރައްވާފައެވެ.
ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިންތަކެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ގެދޮރާއި، ތާރީޚާއި، އަސްލު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގައުމުގެ ސަރަހައްދުގެ ކުޑަ ބައެއް ގެއްލުނު ކަމުގައިވިޔަސް އެކަމުގެ އަސަރު ގައުމުގެ ސިޔާދަތަށާއި، ތަރިކައަށާއި، މުސްތަގުބަލަށް ކުރާނެ ކަމަށާއި، ދިވެހިންގެ އަމިއްލަ ރަށްތަކުގައި ދިރިއުޅުމުގެ ހައްގު ހިމާޔަތްކުރުމަކީ ގައުމީ އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުންދާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ އަމިއްލަ ވަޒަން ދޫކޮށް ދާން ނުޖެހޭނެކަން ޔަގީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ. އެގޮތުން ގޮނޑުދޮށްތަކާއި ފަރުތަކާއި ކުޅިތަކަކީ ރަށްރަށުގެ އެންމެ ބޮޑު ދިފާއުއަށްވާއިރު، އެތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި މާލީ އެހީ ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ގައުމީ ފެންވަރުގައި ހުޅުމާލެއަކީ އުސްކޮށް ތަރައްގީކޮށްފައިވާ ސިޓީއެއްގެ ގޮތުގައި ފާހަގަކުރައްވައި، މިއީ ގައުމުގެ މޫސުމީ ސަލާމަތަށްޓަކައި ކުރެވުނު ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރާ މިންވަރަށްވުރެ އުސްކޮށް، އިއާދަކުރަނިވި ހަކަތައިން ހިންގާ، ކާބަން މަދު އީކޯ-ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ތަރައްގީތަކަކީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރު ދައްކުވައިދޭ ކަންކަން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
