ހުރަވީ ދުވަސް: ދޮންބަންޑާރައިން ހޮޅިންގެ މައްޗަށް ފަތަޙަ ހޯއްދެވީ އުކުޅާއި ޙިކުމަތުން
23 ނޮވެމްބަރު 2025 - 04:52
.jpg&w=640&q=75)
ޒަމާނުންސުރެ ދިވެހިންނަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަމުން އައި ބައެކެވެ. މި ފަސްގަނޑުގެ ހިމާޔަތުގައި ކާބަފައިންގެ ދަލާއި ލޭ އޮހޮރުވާލި އެތައް ހާދިސާއަކާއެކު ދިވެހިންގެ ތާރީހާއި މާޒީގެ އެންމެ ކުލަ ގަދަ އެއް ބަޔަކީ ފާތިޙުންގެ ފަތަޙައާއި މުޖާހިދުންގެ ޖިހާދުގެ ހަނދާންތަކުގެ ސަފްހާތަކެވެ.
ހުރަވީ ދުވަހަކީވެސް މިފަދަ އެއް ހަނދާނެވެ. ގައުމަށްޓަކައި ދިވެހި ދަރިޔަކުވި ޤުރުބާނީގެ ހަނދާންތަކެވެ. ހުރަވީ ދުވަހަކީ މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ފަހުން އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) މަލާބާރީން ނުވަތަ ހޮޅީންގެ އަތް ދަށުން ރާއްޖެ މިނިވަންކުރެއްވި ދުވަހެވެ.

Ad by Hajj Corporation
ދިވެހި ހާއިނުންގެ ޣަދަރުވެރިކަމާއެކު ދިވެހި ފަސްގަނޑު މަލާބާރީންގެ އަތްދަށަށް
ހާދިސާ ހިނގީ ހިޖުރީ ސަނަތުން 2 ވަނަ ގަރުނުގެ ތެރޭގައެވެ. އޭރު ދިވެހި ރަސްކަމުގެ ތަހުތު ރެދަލި ކުރައްވަމުން ގެންދެވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއްކަމަށް ތާރީހީ ފޮތްތަކުގައި ލިޔެވިފައިވަނީ އޭރު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝަމްސުއްދީނާއި ޚަތީބު އަޙްމަދު މުޙްޔިއްދީނާ ދެބޭފުޅުންގެ ހިތުގައި އަނދަމުންދިޔަ ރަސްކަން ފިރުކައިގަތުމުގެ އެދުންތަކުގެ ހުޅުތަކެވެ.
ރަސްކަން ފިރުކައިގަތުމުގެ ހިޔާލުގައި މި ދެބޭފުޅުން ތަރުކާރުކޮށް އޭރު ދިޔައީ ކަންނަންނޫރު އަލީ ރާޖާއަށް އިސްލާމްދީނުގެ އުސޫލުތައް ގެއްލިފައިވާކަމަށްބުނެ ދިވެހިރާއްޖެ ހިއްޕަވައި ދިވެހިން ސަލާމަތްކޮށްދިނުމަށް އެދެމުންނެވެ. ރާއްޖެ ހިފޭނެ ގޮތްތައްވެސް މި ސިޓީތަކުގައި ތަފްސީލުކޮށް ދިޔައީ ކިޔާދެމުންނެވެ. ނަތީޖާއަކީ ކަންނަންނޫރު ޢަލީ ރާޖާ ފޮނުއްވި ހަނގުރާމަ މަތީ ކަނޑުގެ ލަޝްކަރު މަލާބާރީން ރާއްޖެ އައިސް މާލެ ހިފީއެވެ. މިކަން ހިނގީ ޞަފަރުމަހުގެ 13 ވަނަ ވިލޭރޭގައެވެ. އެއީ މީލާދީން 1752ވަނަ އަހަރެވެ. ރަދުންނާއި އިސް ބައެއް ވަޒީރުން ހިފައި ހައްޔަރުކޮށް އެ ބޭފުޅުން ގޮވައިގެން އެ މީހުންގެ ބަޔަކު ދިޔައީ ކަންނަންނޫރަށެވެ. ވެރިކަން ހިންގާނެ ބަޔަކު މާލޭގައި ބައިތިއްބައިފައެވެ.
ދިވެހީންގެ ބައެއްގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި ދީން ގެއްލި ބޭރު ބައެއްގެ އަތްދަށަށް ގޮސް ނިމުނީއެވެ. އެހެންނަމަވެސް އުފަން ޤައުމަށް ޣައްދާރުވި ބަޔަކު ތިމަންނާމެންނަށްވެސް ޣައްދާރުވާނެކަމަށް ބުނެ ފަހުން މި ދެބޭފުޅުންނަށް ވަރަށް ބޮޑަށް އަނިޔާކޮށް އެބޭފުޅުން ކަނޑުފައްތައި ޤަތުލުކުރީ ކަމަށް ބުނެވެއެވެ.
ދޮންބަންޑާރައިން ރާއްޖެ މިނިވަންކުރެއްވީ އުކުޅާއި ޙިކުމަތުން
ހުރާ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު ދޮންބަންޑާރައިންނަކީ މުލީގެ ދޮން ހަސަން މަނިކުފާނެވެ. ބައްޕާފުޅަކީ މާލެ އަތޮޅު ހުރައަށް އުފަން އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނެވެ. މަންމާފުޅަކީ މ. އަތޮޅު މުލީ އަލްޚަޠީބު މުޙައްމަދު ތަކުރުފާނުގެ މުލީގޭ ކުޑަ އާމިނާ މަނިކުފާނެވެ.
ދޮންބަންޑާރައިން ނުވަތަފަހުން އައްސުލްތާނުލްގާޒީ ހަސަން އިއްޒުއްދީންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.
ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީތަނާ މުލީގޭ ޙަސަން މަނިކުފާނު (ދޮންބަންޑާރައިން) ނާއި އެ މަނިކުފާނުގެ ހަތަރު އެކުވެރީންނާއި އަދި އެބޭފުޅުންނަށް ތަބާވި ހިތްވަރުގަަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.
ދޮންބަންޑާރައިން މި ނަސްރު ހޯއްދެވީ ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުންނެވެ.
ދޮންބަންޑާރައިން ހޮޅިންނާ ހަނގުރާމަ ކުރައްވައި އެ މީހުން ބަލި ކުރެއްވުމުން 20،000 ލާރި ހިފައިގެން ރައްޔިތުންނާއި ބޮޑުން އެ މަނިކުފާނުގެ އަރިހަށް އައިސް އެ ތަކެތި ވެދުމަށް އަރުވައި ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވުމަށް އެދި ދެންނެވިއެވެ. ނަމަވެސް އެންމެ ލޯ ލާރިއެއްވެސް ގަބޫލުފުޅު ނުކުރައްވައި އެތަކެތި ރައްޔިތުންނަށް ބައްސަވާލެއްވީއެވެ.
ދޮންބަންޑާރައިންގެ އަތްޕުޅުން ލިބުނު ބޮޑު ދެރައާއެކު އަނެއްކާވެސް ރާއްޖެ ހިފޭތޯ އަލީރާޖާވަނީ އެތައް މަސައްކަތެއް ކޮށްފައެވެ. އެގޮތުން 1166ހ. (1753މ،)، 1167ހ. (1753މ.)، 1168ހ. (1755މ.) އަދި 1174ހ. (1761މ.) ގައި ވެސް ހަނގުރާމަވެރި ވަރުގަދަ ލަޝަކަރުތައް ރާއްޖެއާ ތޯޅެން މީނާ ވަނީ ފޮނުވާފައެވެ. ނަމަވެސް ކޮންމެ ފަހަރަކުމެ ދޮންބަންޑާރައިންގެ ކޮމާންޑަރުކަމުގެ ދަށުގައި ދިވެހީންގެ ލަޝަކަރު ވަނީ އެމީހުންގެ ރޭވުން ނާކާމިޔާބުކޮށްލާފައެވެ.
ނަސްރާއި ފަތަހައަށްފަހު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަންކުރެއްވީ 7 އަހަރު ދުވަހު އެވެ. އެއީ ހިޖުރައިން 1173 ވަނައަހަރުން 1180 ވަނަ އަހަރާއި ހަމައަށެވެ. މި ރަދުން އަވަހާރަވީ 2 ޝަޢުބާން 1180 (1 ފެބުރުވަރީ 1767)ގައެވެ.
ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމަށް ހުރަވީ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަން ފެށީ 1980 ވަނަ އަހަރުގައެވެ.


