އިސްރާއިލުން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި 11 ސިއްޚީ ޚިދުމަތްތެރިން މަރާލައިފި
އިސްރާއީލުން ސިއްޚީ ޚިދުމަތްތެރިންނަށް ޢަމާޒުކޮށްދިން ޙަމަލާއަށް ފަހު ރެސްކިއު ޓީމުތައް ހަރަކާތްތެރިވަނީ -- ފޮޓޯ/ ގެޓީ އިމޭޖެސް
28 ސެޕްޓެމްބަރު 2024 - 09:33
އިސްރާއީލުން ލުބުނާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި 11 ސިއްޚީ ޚިދުމަތްތެރިން މަރާލައިފައިވާ ކަމުގައި ލުބުނާނުގެ ސިއްޚީ ވުޒާރާއިން ބުނެފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ގެންދަނީ ، ލުބުނާނުގެ ވެރިރަށް ބެއިރޫތް އަށް އަދި އެ ނޫން ވެސް ސަރަޙައްދުތަކަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދެމުންނެވެ. އެގޮތުން މިއަދު ވެސް އިސްރާއީލުން ވަނީ އިސްރާއީލް އާއި ލުބުނާނު ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށް ޙަމަލާދީފައެވެ.
އެ ޙަމަލާގައި ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ޕެރަމެޑިކްސްގެ ގޮތުގައި ހަރަކާތްތެރިވި 11 ސިއްޚީ ޚިދުމަތްތެރިއަކު މަރައި، އިތުރު 10 ޚިދުމަތްތެރިއަކު ޒަޙަމް ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އެ ޙަމަލާތައް ދީފައިވަނީ އިސްރާއީލު ބޯޑަރު ކައިރީގައި އޮންނަ ތައިބަ އަދި ދެއިރް ސިރިއަން އަށެވެ.
އިސްރާއީލުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާއިރު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުގެ އެ ޙަމަލާތަކުގައި ލުބުނާނުގެ 700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ރޭ އިސްރާއީލުން ލުބުނާނުގެ ވެރިރަށް، ބެއިރޫތް އަށް ދިން ޙަމަލާގައި ހައެއްކަ ޢިމާރަތް ބިމާ ހަމަކޮށްފައިވާއިރު، ގެތައް ދޫކޮށް ދިޔުމަށް އެތައް ހާސް ބަޔަކަށް އިސްރާއީލުން ވަނީ އިންޒާރުދީފައެވެ.
އިސްރާއީލުން ބުނާ ގޮތުގައި، އެ ޙަމަލާތައް އެގައުމުން ދެނީ ހިޒްބުﷲގެ އަމާޒުތަކަށެވެ. އެހެން ނަމަވެސް އެގެތަކުގައި އަދި އެގެތަކުގެ އަޑީގައި ހިޒްބުﷲގެ ބައެއް އުޅޭ ކަމުގެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ.