މުޅި އާއިލާ ގޮވައިގެން ދިޔަ ޔަމާލްއަށް ނުލިބި ބެލަންޑޯ ޑެމްބެލޭއަށް
22 ސެޕްޓެމްބަރު 2025 - 20:51

ފުޓުބޯޅައިގެ ވަކިވަކި ކުޅުންތެރިންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެލަންޑޯ އެވޯޑުގެ ހައްގުވެރިއަކަށް ފްރާންސާއި ޕީއެސްޖީގެ ތަރި އުސްމާން ޑެމްބެލޭ ހޮވިއްޖެއެވެ.
މި ފަހަރުގެ ބެލަންޑޯ އެވޯޑު ލިބޭނެ ކުޅުންތެރިއަކާ ގުޅޭގޮތުން މީޑިއާތަކުގައި އާއި ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސްއެއް ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބެލަންޑޯ ނޮމިނޭޝަންގެ ދެވަނަ ލިބުނު ސްޕެއިންއާއި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް އެ ހަފްލާއަށް ދިޔައީ އާއިލާގެ 20 މެމްބަރުން ގޮވައިގެންނެވެ.

Ad by Hajj Corporation
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔަމާލް، އާއިލާގެ އެހާ ގިނަ މެމްބަރުން ގޮވައިގެން މި ހަފްލާއަށް ދިޔައީ މި އެވޯޑު ލިބޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތުމުންނެވެ.
މި ފަހަރުގެ ބެލަންޑޯ އެވޯޑު ޑެމްބެލޭއާ ހަވާލުކޮށްފައި ވަނީ ދުނިޔޭގެ ތާރީޚުދުށް އެންމެ ހުނަރުވެރި އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯގެ އަތުންނެވެ.
ބެލަންޑޯ ނޮމިނޭޝަންގައި ތިންވަނަ ލިބުނީ ޑެމްބެލޭއާ އެއް ޓީމަކަށް ކުޅޭ ޕޯޗުގަލްގެ ވިޓީނިއާ އަށެވެ.
މިއީ ޑެމްބެލޭ މި އެވޯޑު ހޯދި ފުރަތަމަ ފަހަރުކަމަށްވާއިރު، އުމުރުން 28 އަހަރުގެ ފޯވާޑް ވަނީ ޕީއެސްޖީއަށް މިދިޔަ ސީޒަނުގައި 53 މެޗުން 35 ލަނޑު ކާމިޔާބުކޮށްދީ 14 އެސިސްޓު ކޮށްދީފައެވެ. އޭނާގެ އެހީއާއެކު ފާއިތުވީ ސީޒަނުގައި ޕީއެސްޖީން ވަނީ ޓްރެބްލް އެއް ހޯދާފައެވެ. އޭގެ ތެރޭގައި، ތާރީޚުގައި ވެސް ޕީއެސްޖީއަށް ލިބުނު ފުރަތަމަ ޔޫއެފާ ޗެމްޕިއަންސް ލީގު ޓްރޮފީ ހިމެނެއެވެ.
ފާއިތުވީ ސީޒަނުގައި ޑެމްބެލޭ އަކީ ފްރެންޗް ލީގުގެ ޖޮއިންޓް ޓޮޕް ސްކޯރަރ އެވެ. އަދި ޗެމްޕިއަންސް ލީގުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާއެވެ.
މި ފަހަރުގެ އެވޯޑު ހަފްލާގައި އަންހެން ކުޅުްންތެރިންނަށް ހާއްސަ ބެލަންޑޯ އެވޯޑު ހާސިލްކުރީ ބާސެލޯނާއާއި ސްޕެއިންގެ ތަރި އައިޓާނާ ބޮންމާޓީއެވެ. މިއީ އޭނާ މި އެވޯޑު ހާސިލްކުރި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ އެވޯޑު ހަފްލާގައި އެންމެ މޮޅު ކީޕަރަށްދޭ ޔަޝީން ޓްރޮފީ ހޯދީ ޕީއެސްޖީއާއި އިޓަލީގެ ގޯލު ބެލެހެއްޓުމުގައި ތަފާތު ދައްކާފައިވާ ޑޮނަރޫމާއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕީއެސްޖީގެ ކޯޗު އެންރީކޭއެވެ. އެންމެ މޮޅު ކުލަބަކަށް ހޮވުނީ ޕީއެސްޖީއެވެ. އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ލަމީން ޔަމާލްއެވެ.