ވިލުފުށީގައި އެމްއެންޔޫ ކެމްޕަހެއް ޤާއިމްކުރަނީ
23 ސެޕްޓެމްބަރު 2025 - 18:15

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތ.ވިލުފުށީގައި އެމްއެންޔޫ ކެމްޕަސް އެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ތ.ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
އެރަށަކީ ތައުލީމަށް ލޯބިކުރާ އާބާދީ އެއް އޮތް ރަށެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ،ތައުލީމީ ގޮތުން މިފަދަ މުހިންމު ކަންކަން ޤާއިމް ކުރުމަކީ އެފަދަ ރަށަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ވިލުފުށީ ކައުންސިލް ގުޅިގެން އެރަށުގެ މިސްކިތް އިސްލާމިކް މަރުކަޒަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެކަމަށް ރައީސްގެ ވާހަކަ ފުޅުގައި އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން ވެސް ވިލުފުށީގެ ތަރައްޤީއަށް ބޭުނުންވާ ތަފާތު ގިނަ މަޝްރޫޢުތަކެއް ކުރިއަށް ރޭވިފައި ހުންނާނެކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަހެއް ހއ. އިހަވަންދޫގައި ވެސް މި މަހު ގާއިމްކޮށްފައިވެއެވެ.
އެމްއެންޔޫ އިން އަންނަނީ ވެރިރަށް މާލޭގެ އިތުރުން، ހަތަރު ރަށެއްގައި ކެމްޕަސް ގާއިމްކޮށް ތައުލީމު ފޯރުކޮށްދެމުންނެވެ. އެއީ ކުޅުދުއްފުށި ސިޓީގައާއި ލ. ގަމުގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ އަދި ތިނަދޫ ސިޓީގައެވެ.