ގާދިއްފުށި ސިއްހީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތާއި، ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި
26 ސެޕްޓެމްބަރު 2025 - 10:54
ތ. ގާދިއްފުށި ސިއްހީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތާއި، ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މި ދެ މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގާދިއްފުއްޓަށް މިއަދު ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ފިޓްނެސް ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. ވަޒީރުގެ އަރިހުގައި އެމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ސައުދީ އާއި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު، ހަންނާން މުޙައްމަދު ރަޝީދު އާއި ގާދިއްފުށި ކައުންސިލްގެ ރައީސް، އަބްދުالله ނާސިފު ބައިވެރިވެވަޑައިގެންނެވިއެވެ.
ގާދިއްފުށި ސިއްހީ މަރުކަޒަށް އިތުރު ކުރެވޭ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްގެ އިތުރުން ވެމްކޯ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ހަންނާން މުޙައްމަދު ރަޝީދު އަދި ގާދިއްފުށި ކައުންސިލްގެ ރައީސް އަބްދުﷲ ނާސިފު އެވެ.
އަތޮޅުތަކުގެ ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ސަރުކާރުން މިހާރު ފައްޓާފައިވާ އެކި މަޝްރޫއުތައް ނިމިގެންދާއިރު އަތޮޅުތަކުގެ ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ރައީސް ގާދިއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފައްޓަވާދެއްވާފައެވެ. އަދި ރަށުގައި އަލަށް ގާއިމު ކުރި އޭޓީއެމްގެ ހިދުމަތް ވެސް ރަސްމީކޮށް މިއަދު ވަނީ ފައްޓަވާދެއްވާފައެވެ.


