މިދިޔަ މަހު އެކަނި ވެސް ކުޑަދިންނަށް ކުރާ އަނިޔާގެ 84 މައްސަލަ
28 ސެޕްޓެމްބަރު 2025 - 07:04

މިދިޔަ އޮގަސްޓުމަހު އެކަނި ވެސް ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަ އެވެ. އެގޮތުން މި ބާވަތުގެ 26 މައްސަލައެއްވަނީ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation
އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 11 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 15 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 14 މައްސަލައެއް އޮގަސްޓު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 9 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 5 މައްސަލައެކެވެ.
އަދި މީގެ އިތުރުން، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 09 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 08 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 05 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން - ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 02 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ، ކުދިން ދޫކޮށްލާފައި ދިޔުމުގެ 01 މައްސަލައިގެ އިތުރުން ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮގަސްޓު މަހު އެ ވުޒާރާއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންނާއި ގުޅުންހުރި މައްސަލަތަށް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، އަންހެން ކުދިންގެ 44 މައްސަލައަކާއި ފިރިހެން ކުދިންގެ 40 މައްސަލައެއް ހިމެނޭ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.


