ފަލަސްޠީނަށް ހަމަލާދޭން އިސްރާޢީލަށް ހަތިޔާރު ދެނީ އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުން: ޚާރިޖީ ވަޒީރު
28 ސެޕްޓެމްބަރު 2025 - 07:26

ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެ، އިސްރާޢީލޭ ކިޔުނު ނިރުބަވެރި ދައުލަތަށް ހަތިޔާރު ފޯރުކޮށްދެނީ، އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުންކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.

Ad by Hajj Corporation
މި އަހަރުގެ އާންމު ބަހުސް ކުރިއަށް ގެންގޮސްފައިވަނީ "ބެޓާ ޓުގެދާ: 80 އިޔާޒް އެންޑް މޯ ފޯ ޕީސް، ޑިވެލޮޕްމަންޓް އެންޑް ހިއުމަން ރައިޓްސް" މި ޝިއާރުގެ ދަށުންނެވެ.
އެ ބަހުސްގައި ވަޒީރު ވިދާޅުވީ، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނާއި، އދ. ގެ އާންމު މަޖިލީހުގެ ގަރާރުތަކުގެ އިތުރުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ގަރާރުތައް އަދި އިންޓަނޭޝަންލް ކޯޓް އޮފް ޖަސްޓިސް އާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާ ހިލާފުވެފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންގުޅެމުންދާ ދެފުށްކެހެރި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ ޤައުމުތަކުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށާއި، ހުރިހާ ހައްގެއް އެންމެ ބޮޑަށް ދެމުންދާ އެންމެ ފުރިހަމަ ގައުމުކަމަށް ވަކާލާތުކުރާ އެމެރިކާ އަކީ އިސްރާޢީލުގެ މި އަނިޔާވެރިކަމުގެ އެންމެ ބޮޑު މަދަދުގާރެވެ. އިސްރާޢީލާ ދެކޮޅަށް އަދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ވެސް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި ބޭރުކޮށްލަނީ ވެސް އެމެރިކާއިންނެވެ. މީގެއިތުރުން، ފްރާންސަކީ ވެސް މިފަދަ ސިޔާސަތުތަކެއް ގެންގުޅޭ އެއް ގައުމެވެ.
އެޤައުމުތަކަށް މިވީ އެތައް އަހަރެއްގެ ތެރޭގައި ފަލަސްޠީނުގައި ހިންގަމުންދިޔަ ޤަތުލްޢާންމު ނުފެންނަކަމަށް ހަދައިގެން ތިބި ތިބުމަކީ މިޤަރުނުގެ ބޮޑު ލަދުކަމަށް ވަޒީރު ސިފަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއި ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ޙައްގުލިބިގެންވާކަން ބަލައިގަންނަން އެޤައުމުތަކުން ދެކޮޅުކަން އެޤައުމުތަކުން މިކަމުގައި ގެންގުޅޭ ވިސްނުމާއި ސިޔާސަތުން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިސްރާއީލު ގެނައުމުގައި އދ.އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ޤައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން، ލިބޭ ކޮންމެ ފުރުސަތެއްގައި ބައިނަލްއަގްވާމީ އެކި މައިދާން ތަކުގައި އަންނަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލައި ވަކާލާތުކުރަމުންނެވެ. އަދި ފަލަސްޠީނު ރައްޔިތުންނާއެކު އަބަދުވެސް ރާއްޖެއިން ދެމި އޮންނާނެކަން އަންނަނީ ހާމަކުރަމުންނެވެ.