ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިން ހިދުމަތެއް އެސްޑީއެފްސީން ތައާރަފުކޮށްފި
28 ސެޕްޓެމްބަރު 2025 - 13:18

ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން އައު ފައިނޭންސިންގ ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި މި ޚިދުމަތުގެ ދަށުން 500,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ފޯރުކޮށްދެވޭނެއެވެ.

Ad by Hajj Corporation
ކްރިއޭޓިވް އިކޮނޮމީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ، މި ފެސިލިޓީގެ ދަށުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތައް ތަރައްޤީކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދެވޭނެކަމަށް އެސްޑީއެފްސީން މައުލޫމާތުދެއެވެ.
ކޮންޓެންޓް ކްރިއޭޓަރ ފައިނޭންސިންގގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން، އަދި ވީޑިއޯގްރާފަރުންނަށް ފައިނޭންސިންގ ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ރަހުނަކާ ނުލައި 150,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭއިރު، ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ހޯދުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
އަހަރަކު 9.5 އިންސައްތައިގެ ފައިދާގެ ރޭޓެއްގައި، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފެސިލިޓީ ދެއްކުމުގެ ފުރުޞަތު ލިބޭއިރު، މީގެ ތެރޭގައި، 6 މަސް ދުވަހަށްވުރެ ދިގުނުވާ ގޮތަށް ގްރޭސް ޕީރިއަޑެއްވެސް ހިމެނިފައިވެއެވެ. މި ފައިނޭންސިންގ މެދުވެރިކޮށް އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިކަމާ ގުޅިގެން އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ތިބި ބައެއްކަމަށް އެމްޑީ ވިދާޅުވިއެވެ.
" މި ފައިނޭންސިންގ ފެސިލިޓީއާއެކު، އަޅުގަނޑުމެން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކާއި، ޑިޖިޓަލް ކްރިއޭޓަރުންނަށް، ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުމެވެ. މިއީ ހަމައެކަނި ފައިނޭންސިންގ ޕްރޮޑަކްޓެއް ނޫން، މިއީ ހުނަރުވެރިކަމާއި، އައު ކްރިއޭޝަންސް އަދި އަޅުގަނޑުމެންގެ އިޤްތިޞާދުގެ މުސްތަޤްބަލަށް ކުރެވޭ އިންވެސްޓްމަންޓެކެވެ". އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން
މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.


