އާރް.އެސް.ޑަބްލިއު ހަރުކުރުމަށް ދޫކުރާ ލޯނުގެ 3 ވަނަ ބުރަށް ހުޅުވާލައިފި
13 ނޮވެމްބަރު 2025 - 11:10

އޮޑިދޯނިފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓާ (އާރް.އެސް.ޑަބްލިއު) ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ 3 ވަނަ ބުރަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސް.ޑީ.އެފް.ސީގެ ސީ.އީ.އޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމައްޓަކައި ހުޅުވާފައިވާ މި ސްކީމްގެ ތެރެއިން ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ދޯނި ފަހަރަުތަކުގައި ޤާއިމް ކުރަމުން ދާކަމަށެވެ. ގިނަ އޮޑި ދޯނިފަހަރުގައި މި ނިޒާމް ޤާއިމް ކުރެވެމުންދާ ކަމީ ނުހަނު އުފާ ކުރާ ކަމެއް ކަމަށާއި މީއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިއްމު ކުރި އެރުމެއް ކަމަށްވެސް ބަދުރުއްދީން ފާހަގަ ކުރެއްވި އެވެ.

Ad by Hajj Corporation
މީގެ އިތުރުން ބަދުރުއްދީން ވިދާޅުވީ، މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮން ޖެހުންތަކަށް ޙައްލެއް ހޯދައިދެވި އައިސް ހޯދުމަށް ހިނގަމުންދިޔަ ޚަރަދު ކުޑަ ކުރެވިއްޖެ ކަމަށެވެ.
އެގޮތުން ފައިނޭންސިންއަށް ހުޅުވާލި ތިން ވަނަ ބުރާއެކު އިތުރު މަސްވެރިންނާއި އޮޑިވެރިންނަށް މި ލުއިފަސޭހަ ފުރުސަތު ބޭނުން ހިފުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް ބަދުރުއްދީން ވިދާޅުވިއެވެ.
އެސް.ޑީ.އެފް.ސީ އިން ބުނީ، މި ފަހަރު 200 ދޯނި ފަހަރަށް ފައިނޭންސިންގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ލޯނަށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެސް.ޑީ.އެފް.ސީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.


