ލޯކަލް ޓުއަރިޒަމަށް އޮތް ގޮންޖެހުމަކީ ކުޑަ އިންޓްރެސްޓްގައި ލޯނު ނުލިބުން - ފައިސަލް
29 ސެޕްޓެމްބަރު 2024 - 05:15
ދިވެހިރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތަށް އިންވެސްޓް ކުރަން ލޯ އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ގޮތްތައް ނެތުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ފެށިތާ 10 އަަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ފަރާތްތަކަށް ފަންޑު ލިބުމުގައި ހުރި ދަތިކަން ކަމަށެެވެ.
ފަތުރުވެރިކަން ތަރައްގީވެފައިވާ ސަރަހައްދުތަކުގަ އާއި އެ ނޫން ސަރަހައްދުތަކުން ވެސް އެންމެ ބޮޑަށް ފާހަަގަ ކުރެވުނު ކަމަކީ އެއީ ކަމަށާއި، އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އާއެކު ކުރަމުން އަންނަ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އަދި ވޯލްޑް ބޭންކްގެ އައިއެފްސީ އާއެކު ބޭއްވުނު ރަސްމީ ބައްދަލުވުމެއްގައި ވެސް ކަމާ ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަންވެސް ފާޙަގަ ކުރެއްވިއެވެ.
މި ފުރުސަތު ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ދިވެހި ޒުވާނުންގެ ކިބައިން އެދިވަޑައިގެން މިނިސްޓަރު ވިދާޅުވީ ހުވަދޫ އަތޮޅާއި ފުވައްމުލައް އަދި އައްޑޫގެ ފަތުުރުވެރިކަން އެދޭ ހިސާބަށް ގެންދެވޭނީ އެމަގުން މަސައްކަތް ކުރެވިގެންނެވެ.