އިންޑިއާ- މޯލްޑިވްސް، ބިޒްނަސް ފޯރަމްގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ: ފައިސަލް
09 އޮކްޓޯބަރު 2024 - 06:29
އިންޑިއާގެ މުމްބާއީގައި އިއްޔެ ބޭއްވުނު އިންޑިއާ- މޯލްޑިވްސް، ބިޒްނަސް ފޯރަމްގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ، މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކާއި، އިންޑިއާގެ ބައެއް ސެލެބްރިޓީން ވެސް ބައިވެރިވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" އާއި ގުޅޭގޮތުން މީޑިއާތަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މި ފޯރަމްގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ އެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކެއް ލިބި، އިތުރު ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު ދިވެހި މުވައްޒަފުން ތަމްރީނުކުރުމަށް ޤާއިމުކުރަން ރޭވިފައިވާ ހޮޓެލް ސްކޫލުގެ މަޝްރޫޢުއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ.
ރާއްޖޭގައި ހޮޓެލް ސްކޫލެއް ޤާއިމުކުރުމަކީ ރައީސްގެ މައިގަނޑު އެއް ވަޢުދުފުޅެއްކަން ފާހަގަކުރަށްވައި، މިކަމަށް އިންޑިއާގައި ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންގޮސް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހޮޓެލް ސްކޫލެއް ޤާއިމުކުރުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސްގެ އެ ވަޢުދުފުޅު ފުއްދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރައްވާނެކަން ފާހަގަކުރަށްވަމުން މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް ރާއްޖޭގައި ތިބެގެން ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ.
މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެކި އިންވެސްޓަރުންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއތެރެއިން ބައެއް އިންވެސްޓަރުން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ވެސް ވަޒީރު ފައިސަލް އިއްޔެ ވަނީ ވިދާޅުވެފައެވެ.