logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާއަކީ ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއް: ރައީސް

ޢައްފާން މުޙައްމަދު
1 އޮކްޓޯބަރު 2025 - 06:09
ޗައިނާއަކީ ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއް: ރައީސް

ޗައިނާއަކީ، ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ ވެފައިވަނީ، ދިވެހިރާއްޖެ އާއި މި ނޫންވެސް ކުދި ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއަކަށް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ގިނަ ޤައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރާއި، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާފައިވެއެވެ.

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ޤައުމުން ވެފައިވާ އެއްބަސްވުންތައް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ޤައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، ދެ ޤައުމުގެ ދެމެދު ޤާއިމުވެފައިވާ އިޚުލާޞްތެރި ރަޙުމަތްތެރިކަމުގެ ސަބަބުން އުފެދިފައިވާ އިތުބާރަކީވެސް، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގައި، އެއް މުޖުތަމަޢު އަނެއް މުޖުތަމަޢާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުން މުސްތަޤުބަލަށް ތައްޔާރުވާން ތިބޭ ކުލާސްރޫމްތަކުންވެސް މި ރަޙުމަތްތެރިކަން ފެނިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚުތިޔާރުކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންގެ އެހީގައި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ވެފައިވަނީ، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ސިޔާސީ، ޘަޤާފީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށާއި، ދެމެހެއްޓެނިވި އަދި އުފާފާގަތި މުސްތަޤުބަލަކަށް ދެ ޤައުމުން ހިއްސާކުރާ އަމާޒަށް ވާސިލުވުމުގައި، ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ފޭސް 2 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެޚަބަރު | 7 ގަޑިއިރު ކުރިންއަލިބާބާ ޕްލެޓްފޯމުގައި ދިވެހީންނަށް މިހާރު މުދާ ވިއްކޭނެ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންޤަޠަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރާއި ބޮޑުވަޒީރަށް ރައީސް ފޮނުއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންރައީސް ދެއްވި ޔަގީންކަން: އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަންޚަބަރު | 16 ގަޑިއިރު ކުރިން