ދިވެހި ފުލުހުން ޒިންމާ އަދާކުރީ ޕްރޮފެޝަނަލްކަމާއެކު: މޫސާ ޒަމީރު
 މުހައްމަދު މޫސާ
މުހައްމަދު މޫސާ4 އޮކްޓޯބަރު 2025 - 17:06

އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އެ ޕާޓީގެ މެމްބަރުން ޤާނޫނާ ޚިލާފު އެތައް ކަމެއް ހިންގާފައިވާއިރު، ދިވެހި ފުލުހުން އެމީހުންގެ ޒިންމާ އަދާކޮށްފައިވަނީ ޕްރޮފެޝަނަލްކަމާއެކު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، މާލޭގައި އެރޭ ހިނގި ހާދިސާތަކުން އަނެއްކާވެސް ދައްކުވައިދިނީ އަމަން އަމާންކަން ދެމެހެއްޓުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކެވެ. އަދި މުޒާހަރާ ކުރުމަށް ވަކި މަގެއް ކަނޑައަޅައި ހުއްދަ ދީފައި އޮތް ނަމަވެސް، އެމްޑީޕީ ލީޑަރުންގެ އިރުޝާދުގެ ދަށުން ބައިވެރިން ޤާނޫނީ އިރުޝާދުތަކާ ޚިލާފުވެ، މަޖީދީމަގު ބަންދުކޮށް މީހުންގެ ދިރިއުޅުމަށް ދަތިކުރި ކަމަށް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
''ގަސްތުގައި ރުޅިއެރުވުމުގެ ޢަމަލުތަކާ ކުރިމަތިލާއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ދައްކާފައިވާ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން ފާހަގަކުރަން". މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވެފަވެއެވެ.
ފުލުހުންގެ ޚިދުމަތުގެ ޒިންމާއަކީ އަމަން އަމާންކަން ރައްކާތެރިކޮށް، މުދާ ހިމާޔަތްކޮށް، އަދި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުން ކަމުގައި ވެސް މިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ސުލްޙަވެރި މުޒާހަރާކުރުމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއް ނަމަވެސް، އެކަން ކުރަންވާނީ ޤާނޫނުގެ އިމުގެ ތެރެއިން ކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ދައުރަކީ ފުރާނައާއި މުދަލާއި އަދި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، ފުލުހުންގެ ޚިދުމަތުން އަޅަމުންދަނީ މި ޒިންމާ އަދާކުރުމުގެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ވިދާޅުވިއެވެ.
ފުލުހުން ބުނީ މި އެއްވުމުގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދީފައިވާ ކަމަށާއި، އެއީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުންކަމަށެވެ. އަދި އޭގެ ތެރެއިން އަންހެން ފުލުހަށް އަނިޔާވެފައި ވަނީ، ޝީލްޑާއެކު ވެއްޓިފައި އޮއްވައި، އޭނާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުންކަމަށް ދުލުހުން ބުނެފަވެއެވެ.


