ގެދޮރުވެރިޔާ މަޝްރޫޢު: އެފްޑީސީން 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވޭ
5 އޮކްޓޯބަރު 2025 - 07:35

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 62 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފިައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ، މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ތަޅުދަނޑި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ކޯޕަރޭޝަނުން ފަށައިފައިވާއިރު އެންމެ ފުރަތަމަ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ. މި މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދުއެވެ. ތަޅުދަނޑި ހަވާލުކުރުމުގެ މަރުޙަލާ އަދި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް 3160 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައެވެ. ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. މިހާތަނަށް އައިއިރު ހާހެއްހާ މީހުން ވަނީ ފްލެޓަށް ޑިޕޮސިޓް ދައްކާފައެވެ.
ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ.
ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.
ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުޙަލާ މިގޮތަށް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ، ޢާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަޙައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުޙަލާ ފުރިހަމަކުރުމެވެ.

Ad by Hajj Corporation
އެ ކޯޕަރޭޝަންގެ ތަސައްވަރަކީ، ރާއްޖޭގެ ސޯޝަލް ހައުސިންގ ވަކި ސްޓޭންޑަޑެއްގައި ހިފަހައްޓާ، ހައުސިންގ މަޝްރޫޢުތައް ވަކި އަތޮޅެއް، ރަށެއް އިސްތިސްނާ ނުވާހެން މުޅިރާއްޖެއަށް ފުޅާކުރުމެވެ.