އަމާން އުދަރެސް 6 ވަނަ ޓަވަރުގައި ޖީޕީ ކްލިނިކެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
18 ޑިސެމްބަރު 2025 - 12:29

އަމާން އުދަރެސް 6 ވަނަ ޓަވަރުގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ފަށައިފިއެވެ.
ޖީޕީ ކްލިނިކް ޤާއިމްކުރުމަށްޓަކައި އެފްޑީސީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި ދެމެދު ކޮމާޝަލް ޔުނިޓް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، އެފްޑީސީއިން ތަރައްޤީކޮށްފައިވާ އަމާން އުދަރެސް 6 ވަނަ ޓަވަރުން 6,788.43 އަކަފޫޓުގެ ޖާގައިގެ ކޮމާޝަލް ޔުނިޓެއް ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އަށް ދޫކޮށްފައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ޕްރައިމަރީ އާބަން ހެލްތް ކެއަރ ކްލިނިކުގައި އިތުރު ޚިދުމަތްތަކެއް ދެވޭނެ ކަމަށެވެ. އެގޮތުން ވެކްސިން ދިނުމާއި ކުޑަކުދިންގެ ގްރޯތު މޮނިޓަރިންގ މަސައްކަތާއި، ވެލްނެސް ކްލިނިކް، ކައުންސެލިންގ ޚިދުމަތް އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ތަޖުރިބާކާރު ޖެނެރަލް ޕްރެކްޓިޝަނަރުން މެދުވެރިކޮށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
"ކޮމާޝަލް ޔުނިޓު ހުޅުމާލޭ ހޮސްޕިޓަލަށް ދެވިފައިވަނީ މި ސަރުކާރުގެ ނެޝަނަލް ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ކަމަށްވާތީ، އެޖާގައަށް މެއިންޓެނެންސް އިތުރުން އެފްޑީސީއިން އެއްވެސް ކުއްޔެއް ނުނެގުމަށް ވަނީ ނިންމާފައެވެ. އަޅުގަނޑުމެންގެ މި ކަންކަން ރަނގަޅުކުރުމަށް ކޯޕަރޭޝަނުން އަޅުގަނޑުމެންނާ ބައިވެރިވެގެން ކުރާ މަސައްކަތުގައި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަށާއި ސީނިއަރ މެނޭޖްމަންޓާއި އެ ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންނަށް އަޅުގަނޑުގެ ވަރަށް އިޚްލާސްތެރި ޝުކުރު ދަންނަވަން" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް

Ad by Hajj Corporation
ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއެކު ޖީޕީ ކްލިނިކެއް ޤާއިމްކުރުމަށްޓަކައި ފެށިފައިވާ ޕްރޮޖެކްޓެއްކަމަށެވެ.
" މި ޕްރޮޖެކްޓުގައި އެފްޑީސީގެ ޒިންމާއަކީ މި ކްލިނިކްގެ ޑިވެލޮޕްމަންޓް އަދި ޑިޒައިން މަސައްކަތް. އަޅުގަނޑުމެންގެ އަމާޒަކީ، އަމާން ޓަވަރު ތަކުގައި މީހުން އާބާދުވަމުންދާއިރު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދެވޭނެ ނިޒާމު މި ޓަވަރުތަކުގައި ހަމަޖެހިފައިވުން". އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްޤީ ކޮށްފައިވާ އަމާން އުދަރެސް ޓަވަރުތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފަށަމުންދާއިރު އަސާސީ ޚިދުމަތްތައް ޓަވަރުތަކުގައި ފޯރުކޮށްދިނުމަކީ ކުންފުނީގެ އަމާޒުކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. އެހެންކަމުން، މި ކްލިނިކް ވެގެންދާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ކުރިއެރުމަކަށެވެ.


