logo
MPL

MPL

ޚަބަރު

ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ނޮވެމްބަރު 2026 - 19:51
ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށް

ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށަށް ގެންނަވައި، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމް.ޓީ.އެޗް.ޖީ) އުފައްދަވައިފިއެވެ.

މި ބަދަލާއެކު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ އިތުރުން އަތޮޅުތަކުގެ 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް މިހާރު ވަނީ އުވައިލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމެވުމުގެ ދަށުން މާލެ ސަރަޙައްދާއި އަތޮޅުތަކުގެ މައި ހޮސްޕިޓަލްތައް ހިންގަމުންދާނީ އެއް ގަވަރނިންގ ބޯޑެއްގެ ބެލުމުގެ ދަށުން "ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލް"އެއްގައެވެ. އަލަށް އުފެއްދެވި އެމް.ޓީ.އެޗް.ޖީގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް މި ބޯޑާއި ބޯޑުގެ ދަށުން ހިންގާ ތަންތަނުގެ އެންމެހައި ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.

އަލަށް އުފެއްދެވި މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއްގެ އިތުރުން އަލްފާޟިލް ޢަބްދުލްޙަންނާން ޢަބްދުއްރަޙީމެވެ.

ބޯޑުގެ ބެލުމުގެ ދަށަށް ގެނައި މަރުކަޒުތައް

އެމް.ޓީ.އެޗް.ޖީ އުފެއްދެވުމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މުޅިއެކު 12 މަރުކަޒެއްގެ ހިންގުން ވަނީ މި ބޯޑުގެ ބެލުމުގެ ދަށަށް ބަދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދަރުމަވަންތަ ހޮސްޕިޓަލް
  • އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)
  • ހުޅުމާލެ ހޮސްޕިޓަލް
  • ވިލިމާލެ ހޮސްޕިޓަލް
  • މޯލްޑިވިއަން ބްލަޑް ސަރވިސަސް
  • ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ގަން ރީޖަނަލް ހޮސްޕިޓަލް
  • ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ފުވައްމުލަކު ހޮސްޕިޓަލް
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މި ބަދަލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންގެންދާ ޓަރޝަރީ ފެންވަރުގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު އެއްހަމައެއްގައި ހިފަހައްޓައި، ހިންގުން ހަރުދަނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އެކްސްޕޯ ވަރަށް ކާމިޔާބު, އަމާޒަކީ ކްރިއޭޓިވް އިންޑަސްޓްރީ %15 އަށް ގެންދިއުންޚަބަރު | ގަޑިއިރެއް ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީން ކަނޑު ގެއްލުވާލި މައްސަލަ: އިހުމާލު ބަލައި ފިޔަވަޅު އަޅަން ކޮމިޝަނެއް އުފައްދައިފިޚަބަރު | ދުވަހެއް ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތް ބަލައިގަތުމުން ރައީސްގެ ޝުކުރުޚަބަރު | 2 ދުވަސް ކުރިން