އެމްޑީޕީން ކަނޑު ގެއްލުވާލި މައްސަލަ: އިހުމާލު ބަލައި ފިޔަވަޅު އަޅަން ކޮމިޝަނެއް އުފައްދައިފި
1 ނޮވެމްބަރު 2026 - 10:01

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދާއި ކޮންޓިނެންޓަލް ޝެލްފްގެ އިން ވަކިކުރުމަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނަށް ނަންދެއްވާފައިވަނީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިޢުލާނުކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ކޮމިޝަން އުފައްދަވާފައިވަނީ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސްއިން ހުށަހެޅި މައްސަލަ ދިރާސާކުރި ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެންނެވެ. އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ދިވެހިރާއްޖެއިން ކަންކުރި ގޮތުގެ ސަބަބުންނެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑު އަދި ކަނޑުއަޑީގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ. ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
ޑރ. އާމިނަތު ޝާފިޔާ އާދަމް
ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް
އަލްފާޟިލް އަޙްމަދު ޢަލީމަނިކު
އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސް މައްސަލަ ހުށަހެޅުމާ ހަމައިން ފެށިގެން އެ މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމާ ހަމައަށް ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ބާރުތައް ލިބިގެންވި ފަރާތްތަކުން ޢަމަލުކުރި ގޮތް ބަލައި ތަޙުޤީޤުކުރުން ހިމެނެއެވެ. މީގެއިތުރުން އެ ފަރާތްތަކުގެ އެއްވެސް ޤާނޫނީ އިހުމާލެއް ވޭތޯ ބަލައި، އިހުމާލުގެ އިންތައް ކަނޑައެޅުމާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރި ގޮތް ތަޙުޤީޤުކުރުން ވެސް ހިމެނެއެވެ. އަދި ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމާއެކު، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުނުވާނޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަން ދެމިއޮންނާނީ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެނެވެ.
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީ މިދިޔަ އެމްޑީޕީ ސަރުކާރުންނެވެ.

-01.jpg&w=3840&q=75)
