މޯލްޑިވްސް އެކްސްޕޯ 2026 ކާމިޔާބުކަމާއެކު ނިންމާލައިފި, އަމާޒަކީ ކްރިއޭޓިވް އިންޑަސްޓްރީ %15 އަށް ގެންދިއުން
2 ނޮވެމްބަރު 2026 - 20:21

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު އަދި "މޯލްޑިވްސް އެކްސްޕޯ 2026" ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު މިރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެކްސްޕޯ ނިންމާލުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމުގައި އިޤްތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ އިސްވެރިންނާއި މުވައްޒަފުން ރެޔާއި ދުވާލު ކުރެއްވި ބުރަ މަސައްކަތަށް ޝުކުރާއި ތަޢުރީފު ޙައްޤު ކަމަށެވެ. މީގެއިތުރުން، މަޢުރަޒާއި އެކްސްޕޯގެ ބައިވެރިން ދައްކުވައިދިން އާދަޔާޚިލާފު އުފެއްދުންތެރި މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %15 އަކީ ކްރިއޭޓިވް އިންޑަސްޓްރީ ކަމުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ޙަޤީޤަތަކަށް ހެދުމުގައި މި ފަރާތްތަކުގެ ދައުރު ވަރަށް ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ހުޅުމާލޭ ސެންޓްރަލް ޕާކު އެއްކޮށް ޚާއްޞަކޮށްގެން ބޭއްވި މި މައުރަޒަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މައުރަޒެވެ. މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 430 އަށް އިތުރުވެފައެވެ. އަދި މައުރަޒުގައި 4،400 އަށްވުރެ ގިނަ އުފެއްދުން ބައިވެރިކުރިއިރު، މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދުވެސް ވަނީ 5 އިން 7 އަށް އިތުރުކޮށްފައެވެ.
"ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިޢާރުގެ ދަށުން ކުރިއަށްދިޔަ މި އެކްސްޕޯގައި މިއަހަރު އަލަށް ގާއިމުކުރި "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް" ވެގެންދިޔައީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވިގެންދިޔަ މުހިންމު ފުރުސަތަކަށެވެ. އަދި އަލަށް ތަޢާރަފުކުރި "އިންޓަނޭޝަނަލް ޑިސްޓްރިކްޓް" ގައި ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުންތައް ޤާއިމުކޮށްފައިވާ އަދި އެކަމަށް މަސައްކަތްކުރަމުންދާ ޤައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ވަނީ ދައްކާލާފައެވެ.
މި އެކްސްޕޯގެ އެކި ދާއިރާތަކުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮކްޓޫބަރު 24 ވީ ހޮނިހިރު ދުވަހުގެރޭ ބާއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އޮކްޓޫބަރު 26 އަދި 27 ގެ ރޭ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ބައިވެރިންނާ ބައްދަލުކުރައްވާފައެވެ. މި އެކްސްޕޯއަކީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ސިންދަފާތުކުރެވިފައިވާ އިޤްތިޞާދެއް އޮތް ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

-01.jpg&w=3840&q=75)
