ކުލި ނުދައްކާ ދެ ފްލެޓް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން މީހުން ގުޅަން ފަށައިފި: އެފްޑީސީ
18 އޮކްޓޯބަރު 2026 - 05:01

ގަވާއިދުން ކުލި ނުދައްކައިގެން ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން ޓަވަރުތަކުގެ ދެ ފްލެޓް ހުސްކުރަން އެންގުމާ ގުޅިގެން، ކުލި ނުދައްކާ ތިބި އެހެން ފަރާތްތަކުން ވެސް ކުލި ދެއްކުމާ ބެހޭގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ގުޅަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓް ހުސްކުރަން އެންގީ އެއްގޮތަކަށްވެސް ކުލި ނުދައްކާ ތިބި ދެ ޔުނިޓެއްގެ ވެރިންނަށް އެކި ފަހަރުމަތިން ފުރުސަތު ދިނުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމަށް ފަހު ކަމަށެވެ. އަދި އެ ދެ މީހުންގެ ޕޯޓަލް އެކައުންޓް އެކްސެސް ވެސް މިހާރު ވާނީ ކަނޑާލާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ފިޔަވަޅާ އެކު، ކުލި ނުދައްކައިގެން ނޯޓިސް ލިބިފައިވާ ގިނަ ބަޔަކު މިހާރު އަންނަނީ ކުލި ދެއްކުމަށް ކުންފުންޏަށް ކޮންޓެކްޓް ކުރަމުންނެވެ. ނޯޓިސް ލިބިފައިވާ މީހުންގެ ތެރޭގައި ގިނައީ އެއް ނުވަތަ ދެ މަހުގެ ކުލި ނުދައްކާ ތިބި މީހުން ކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ.
އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް، ބަހާލައިގެން ކުލި ދެއްކޭނެ ލުއި އިންތިޒާމުތައް އެފްޑީސީން ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެނިހެން ބައެއް މަޝްރޫއުތަކުގައި ފިޔަވަޅު ނާޅާތީ ފްލެޓްތަކުގެ ކުލި ނުދައްކާ މައްސަލަ އޮތް ނަމަވެސް، އެފްޑީސީގެ އެއްބަސްވުން އޮންނަ ގޮތުން ގަވާއިދުން ކުލި ނުދައްކާނަމަ އެ ތަންތަން އަތުލުމުގެ ބާރު ލިބިގެންވެއެވެ. އެފްޑީސީން ބުނީ ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓް އެބަހުރި ކަމަށެވެ.

-01.jpg&w=3840&q=75)
