މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފި
11 އޮކްޓޯބަރު 2025 - 12:01

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފިއެވެ.
މިއީ ސީއޭ މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވާ ފޯރަމެކެވެ.

Ad by Hajj Corporation
"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025"އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި އިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް މުހިންމު ފޯރަމެކެވެ. އަދި މި ފޯރަމްގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކޮށް، މެދުނުކެނޑި އުނގެނުމާއި އެކައުންޓިންގ ޕްރޮފެޝަނަލުންގެ މެދުގައި އަހްލާގީ އުސޫލުތައް ތައާރަފްކުރުމަށް ހިތްވަރުލިބިގެންދެއެވެ.
ކޮންމެ އަހަރަކުވެސް ހާއްސަ ޝިއާރަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ އެކައުންޓެންޓްސް ފޯރަމްގެ މިއަހަރުގެ ޝިއާރަކީ "ސްޓްރެންތެނިންގ ފައިނޭންޝިއަލް ގަވަރނެންސް އެންޑް އެކައުންޓަބިލިޓީ" އެވެ. މި ފޯރަމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި އިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.
މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް އަބްދުﷲ ވަނީ މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިމަހުގެ 11 އަދި 12 ވަނަ ދުވަހު އެމްއެންޔޫ އޮޑިޓީރިއަމްގައި ކުރިއަށްގެންދާ މި ފޯރަމުގައި އެކައުންޓަންޓުންނާއި، މާލީ އަދި ވިޔަފާރީގެ ދާއިރާގެ ފަންނީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭހެން 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.
އަދި މި ފޯރަމްގައި މާލީ ހިންގުންތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމުގައި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން ސަސްޓެއިނަބިލިޓީ ރިޕޯޓިންގ، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް އާއި ސައިބަރ ސެކިއުރިޓީގެ މައްޗަށްވެސް މަޝްވަރާކުރާނެއެވެ.
އަދި ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމާއި، ބޭރު ފައިސާގެ ރިސްކް މެނޭޖްކުރުމާއި، ސްރީލަންކާގެ މާލީ ހީނަރުކަމުން ލިބިގަނެވޭ ފިލާވަޅުތަކާއި، އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް އަދި އެފްޑީއައި އާ ގުޅޭ ގާނޫނީ އޮނިގަނޑުގެ މައްޗަށްވެސް މަޝްވަރާކުރާނެއެވެ.


