އެކުވެރިޔަކާއެކު ބޭރުގައި އުޅެނިކޮށް އިންޑިއާގައި ދަރިވަރަކު ރޭޕްކޮށްފި

11 އޮކްޓޯބަރު 2025 - 12:32
އިންޑިއާގެ ވެސްޓް ބެންގާލްގެ ދުރުގަޕޫރުގައި ހުންނަ އަމިއްލަ މެޑިކަލް ކޮލެޖެއްގެ ކައިރީގައި އެމްބީބީއެސް ދެވަނަ އަހަރުގެ ދަރިވަރަކު، ހުކުރު ދުވަހުގެ ރޭ ގަދަކަމުން ރޭޕްކޮށްފިއެވެ.
އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮފިޝަލުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އޮޑިޝާގެ ޖަލެސްވަރުން އައިކިއު ސިޓީ މެޑިކަލް ކޮލެޖްގައި ކިޔަވާ 23 އަހަރުގެ މި ދަރިވަރު، ފިރިހެން ރަހުމަތްތެރިއަކާއެކު ބޭރަށް ގޮސް އުޅެނިކޮށް، ހުކުރު ދުވަހުގެ ރޭ 8:30 ހާއިރު ކޮލެޖްގެ ގޭޓު ކައިރީގައި ބަޔަކު އެ ދެމީހުންނާ ކުރިމަތިލާފައިވެއެވެ. އަދި އޭގެ ފަހުން އަންހެން ދަރިވަރު ގަސްގަހާ ގެހި ހުންނަ ސަރަހައްދަކަށް ގެންގޮސް ރޭޕްކޮށްފައިވެއެވެ.

Ad by Hajj Corporation
މި މައްސަލައިގައި އަނިޔާ ލިބުނު ދަރިވަރުގެ ބައްޕަ ފުލުހުންނަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅުގެ ރަހުމަތްތެރިޔާ އޮޅުވާލައިގެން ހުސް ތަނަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ރަހުމަތްތެރިޔާ ފިލައިގެން ގޮސްފައިވާތީ، އޭނާވެސް މިކަމުގައި ބައިވެރިވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އަނިޔާވެރިން އޭނާގެ މޯބައިލް ފޯނާއި 5،000 ރުޕީސް ވަގަށް ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ދަރިވަރު މިހާރުވަނީ ދުރުގަޕޫރުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށް މެޑިކަލް އޮފިޝަލުން މައުލޫމާތު ދެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށާފައެވެ. އަދި ގިނަ ބަޔަކާ ސުވާލުކުރަމުންދާ ކަމަށާއި، އަނިޔާ ލިބުނު ފަރާތުގެ ބަޔާންވެސް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އިންޑިއާއަކީ ރޭޕް ކުށް ގިނަ ޤައުމެކެވެ.