އިންޑިއާގައި ސިޔާސީ ދާއިރާ އަށް ނުކުތް އެކްޓަރު ވިޖޭ ބޭއްވި ސިޔާސީ އެއްވުމެއްގެ ތެރެއިން މީހަކު މަރުވެއްޖެ
14 ފެބްރުއަރީ 2026 - 05:44

އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ސިޔާސީ ލީޑަރު ވިޖޭ، ޓެމިލް ނާޑޫގެ ސޭލަމްގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ސިޔާސީ އެއްވުމެއްގެ ތެރެއިން 37 އަހަރުގެ ފިރިހެނަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ 13 ވީ ހުކުރު ދުވަހު، ވިޖޭގެ ސިޔާސީ ޕާޓީ ކަމަށްވާ ޓެމިލަގަ ވެޓްރީ ކަޒަގަމް (ޓީ.ވީ.ކޭ) އިން އިންތިޒާމުކުރި ޖަލްސާއެއްގެ ތެރޭގައެވެ.

Ad by Hajj Corporation
މި ހާދިސާގައި މަރުވެފައިވަނީ މަހާރާޝްތުރާއަށް ނިސްބަތްވާ، ނަމަވެސް ސޭލަމްގެ ސެވައިޕެއްޓައި ސަރަހައްދުގައި ދިރިއުޅެމުންދިޔަ ސޫރަޖް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ކުއްލިއަކަށް އަނބުރައިގަނެގެން ވެއްޓުނީ ޖަލްސާ ކުރިއަށްދަނިކޮށް އެ ތަނުގައި ހުއްޓައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ސޫރަޖް ވެއްޓުމާއެކު އެ ތަނުގައި ތިބި މީހުން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.
މި އެއްވުމަކީ ކުރިއަށް އޮތް ޓެމިލް ނާޑޫގެ އެސެމްބްލީ އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކަރޫރުގައި ބޭއްވި އެއްވުމެއްގައި މީހުން ފިތިގެން 40 މީހުން މަރުވި ހާދިސާއާ ގުޅިގެން، މިފަހަރުގެ އެއްވުމުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެއްވުމަށް ވަދެވޭނީ ގިނަވެގެން 4,998 މީހުންނަށް ކަމަށް ކަނޑައަޅައި، ކިއު.އާރް ކޯޑް ޖެހި ފާސް އޮންނަ މީހުންނަށް ނޫނީ ނުވަދެވޭ ގޮތަށް އުސޫލުތައް އޮތީ ހަރުކަށިކޮށްފައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ވިޖޭ ވަނީ އެމް.ކޭ ސްޓާލިންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެހެން ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަސޭހަކަމާއެކު ލިބޭއިރު، އޭނާގެ ޕާޓީއަށް ސަރުކާރުން ދަނީ ހުރަސްތައް ކުރިމަތިކުރަމުންނެވެ. ވިޖޭ ވިދާޅުވީ އޭނާ ސޭލަމަށް ވަޑައިގަތީ ހަމައެކަނި ވޯޓު ހޯއްދަވަން ނޫން ކަމަށާއި، އިންސާފު ހޯއްދަވަން ކަމަށެވެ.
"އެހެން ޕާޓީތަކަށް ކޮންފަރެންސްތަކާއި، އާންމު ޖަލްސާތަކާއި ހޯލް ބައްދަލުވުންތައް ބާއްވަން ހުއްދަދީ، ޖާގަވެސް އެބަ ދައްކައިދޭ. އެކަމަކު އަހަރެމެންނަށް އެކަނި އެ ފުރުސަތެއް ނުދޭ، އަދި އެހެން ބަޔަކު ޖާގަދޭން އުޅުނަސް އެކަމަށްވެސް ހުރަސްއަޅާ. މިއީ ކޮން ކަހަލަ އިންސާފެއް؟" ވިޖޭ ބުނެފަވެއެވެ.
މިފަދައިން ސުވާލު އުފައްދަވައި، ސަރުކާރުން އޭނާގެ ޕާޓީއާމެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފުލުހުން މިހާރު ދަނީ ސޫރަޖް މަރުވި ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންކަން ބަލަމުންނެވެ. މި ހާދިސާއާ ގުޅިގެން ވިޖޭގެ ސިޔާސީ ހަރަކާތްތަކަށް އިތުރު ސަމާލުކަމެއް ވަނީ ހުއްޓިފައެވެ.


