އިންޑިއާގައި 175 ބިލިއަން ޑޮލަރުގެ އޭއައި "ޑޭޓާ ސިޓީ" އެއް ތަރައްގީކުރަނީ
16 ފެބްރުއަރީ 2026 - 06:20

ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި ބާރުތަކާ ވާދަކުރުމަށްޓަކައި، 175 ބިލިއަން ޑޮލަރުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) "ޑޭޓާ ސިޓީ" އެއް ބިނާކުރުމަށް އިންޑިއާއިން ބޮޑު މަޝްރޫއެއް ފަށައިފިއެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު އޭއައިގެ ދާއިރާއިން އޮތް ފަރަގު ކުޑަކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ދަށުން، ޑިޖިޓަލް ކުރިއެރުމަށް ބޭނުންވާ މި ބޮޑު މަޝްރޫޢު ރާވަމުންދާކަން ހާމަކުރެއްވީ މި މަޝްރޫޢުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަންދްރަޕްރަދޭޝްގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ނާރާ ލޯކޭޝްއެވެ. އަންނަ ހަފުތާގައި ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އޭއައި ސަމިޓުގެ ކުރިން އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ލޯކޭޝް ވިދާޅުވީ، އޭއައިގެ އިންގިލާބު މިހާރު ފެށިފައިވާ ކަމަށާއި، ގައުމެއްގެ ހައިސިއްޔަތުން އެކަން ބަލައިގަތުމަށް އިންޑިއާއިން ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ މަރުކަޒަކަށް ހެދުމަށް ނިންމާފައިވަނީ އަންދްރަޕްރަދޭޝްގެ ވިސާކަޕަޓްނަމްއެވެ. ލޯކޭޝް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 760 މަޝްރޫޢެއްގައި 175 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކެއް ވަނީ އެކުލަވާލާފައެވެ. މީގެ ތެރޭގައި ގޫގުލްއިން އެމެރިކާއިން ބޭރުގައި ގާއިމުކުރާ އެންމެ ބޮޑު އޭއައި އިންފްރާސްޓްރަކްޗާ ހަބްގެ އިތުރުން، އިންޑިއާގެ ރެލަޔަންސް އިންޑަސްޓްރީޒްއާއި، ކެނެޑާގެ ބްރޫކްފީލްޑް އަދި އެމެރިކާގެ ޑިޖިޓަލް ރިއަލްޓީ ގުޅިގެން ގާއިމުކުރާ 11 ބިލިއަން ޑޮލަރުގެ އޭއައި ޑޭޓާ ސެންޓަރު ހިމެނެއެވެ.
ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ އާބާދީއެއް އޮންނަ، "ވައިޒެގް" ގެ ނަމުން މަޝްހޫރު ވިސާކަޕަޓްނަމަކީ މީގެ ކުރިން ކްރިކެޓަށް މަޝްހޫރު ތަނެއް ނަމަވެސް، މިހާރު އެ ސިޓީ ބަދަލުވަމުންދަނީ އިންޑިއާއާއި ސިންގަޕޫރާ ގުޅުވައިދޭ ސަބްމެރިން އިންޓަނެޓް ކޭބަލްތަކުގެ މައި މަރުކަޒަކަށެވެ. މި ޑޭޓާ ސިޓީ ބިނާކުރުމަށް ހަމަޖެހިފައިވަނީ 100 ކިލޯމީޓަރުގެ ސަރަހައްދެއްގައެވެ.
ލޯކޭޝް ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރު އިންޑިއާއަށް ވަން ބޭރުގެ އިންވެސްޓްމަންޓްތަކުގެ ގާތްގަނޑަކަށް 25 އިންސައްތަ ހިއްސާކުރަނީ އަންދްރަޕްރަދޭޝްއިންނެވެ. އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް އަގުހެޔޮކޮށް ބިން ދޫކުރުމާއި، ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ސާވާތަކާއި ފިނިކުރާ ނިޒާމުތައް އުފައްދާ ކުންފުނިތައް އެ ސަރަހައްދަށް ގެނައުމަކީ އަމާޒެކެވެ.
މީގެ އިތުރުން، މި ސިނާއަތަށް ބޭނުންވާ ގިނަ އަދަދެއްގެ ކަރަންޓާއި ފެނުގެ ބޭނުންތައް ފުއްދުމަށްޓަކައި، ވިއްސާރަ މޫސުމުގައި ކަނޑަށް ބޭކާރުވެގެންދާ ފެން ބޭނުންކުރުމަށް ވެސް ސްޓޭޓް ސަރުކާރުން ވަނީ ރާވާފައެވެ. މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އިންޑިއާއިން މިސާލަކަށް ބަލަނީ ޗައިނާގެ ހަލުވި ތަރައްގީއެވެ. ލޯކޭޝް ގަބޫލުކުރައްވާ ގޮތުގައި، މިކަމުގެ ސަބަބުން އުފެދޭ ވަޒީފާތަކާއި އިގްސާދީ ފައިދާ، ބިން ދޫކުރުމުން ލިބޭ ގެއްލުމަށްވުރެ މާ ބޮޑުވާނެއެވެ.


