ހުޅުމާލޭގެ 314 ތަނެއް ބަލައި، 28 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
30 ސެޕްޓެމްބަރު 2024 - 08:30

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހުޅުމާލޭގެ 2 ފިޔަވަހީގައި ކުރިއަށްގެންދިޔަ ފުޅާ އިންސްޕެކްޝަންގައި 314 ތަނެއް ބަލައި ފާސްކޮށް 28 ބިދޭސީއަކު އިމިގްރޭޝަނުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅޭ ބިދޭސީން ދިރިއުޅޭ ތަންނަތަން ބަލައި ފާސްކުރުމަށް ޚާއްސަ ހަރަކާތެއް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގެ 2 ފިޔަވައްސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޚާއްސަ އިންސްޕެކްޝަންގައި ޖުމްލަ 314 ތަނެއް ބަލައި ފާސްކޮށް، 769 ބިދޭސީންނާއި ސުވާލުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފައިވާކަމަށެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެ ފަރާތްތަކާމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

Ad by Hajj Corporation
ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ އެމީހުނަށް ފިޔަވަަޅު އަޅައި ވަޒީފާ ދޭ ފަރާތް ޒިންމާދާރު ކުރުވުމަކީ މި އިންސްޕެކްޝަނުގެ މައިގަނޑު އެއް މަޤްސަދުކަމަށާއި މި އިންސްޕެކްޝަނުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭގޮތަށް 27 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަނުގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް މި އިންސްޕެކްޝަންގައި ވަނީ ބައިވެރިވެފައެވެ.


