logo
Bank of Maldives

Bank of Maldives

ޚަބަރު

މިލަންދޫ އެއާޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: ރައީސް

އައިމިނަތު މޫސާ
15 އޮކްޓޯބަރު 2025 - 11:12
މިލަންދޫ އެއާޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: ރައީސް

ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ މިލަންދޫ އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެއަރޕޯޓު ތަރައްޤީކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެހައި ވަޢުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، މިލަންދޫގައި 50 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

މިއަދު މިލަންދޫގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ، ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. އަދި މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވައި، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން، އިސްލާމީ މަރުކަޒު އިމާރާތްކުރައްވާނީ 700 މީހުންގެ ޖާގައިގެ، ޒަމާނީ މަރުކަޒެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރުކުރެވޭނޭގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ށ. އަތޮޅުގެ ޢުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ އަތޮޅެއް ކަމުގައިވާތީ، އެ އަތޮޅުގައި ޤާއިމުކުރާ ދެވަނަ، ޕަބްލިކް ވަރކްސް ޔުނިޓު ޤާއިމުކުރައްވާނީ މިލަންދޫގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހު، މިލަންދޫގައި ވެމްކޯގެ ޚިދުމަތް ފައްޓަވާނޭކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ ރަށުގައި އެކްސްރޭގެ ޚިދުމަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ، މިލަންދޫގެ ވަށާޖެހޭ ތަރައްޤީގެ ބިންގާ އެޅިގެންދިޔަ ދުވަސްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންމިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމު ކުރެވޭ ވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން